ނެޕޮޓިޒަމާ ބެހޭގޮތުން އުރްވަޝީ ދެކޭގޮތް މިއޮތީ!

ބޮލީވުޑްގައި އޮންނަ ނެޕޮޓިޒަމާ ގުޅޭގޮތުން އެކި ތަރިން އެމީހުންގެ ޚިޔާލު ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޒުވާން ބަތަލާ އުރްވަޝީ ރައުޓޭލާ އޭނާ ދެކޭގޮތް ހާމަކޮށްފިއެވެ.

“މިސް އިންޑިއާ” ގެ މަގާމު ހާސިލްކޮށްފައިވާ 26 އަހަރުގެ ބަތަލާ ބުނީ މި އަހަރު ތެރޭގައި ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ ކަމަށެވެ. އަދި އޭނާ އެންމެފަހުން ކުޅުނު ކޮމެޑީ-ޑްރާމާ ފިލްމު “ވާރޖިން ބަނުޕްރިޔާ” އަށް، އާލިއާ ބަޓް ކުޅުނު “ސަޅަކް 2” އާއި ދާދިފަހުން ނުކުތް އަނަންޔާ ޕާންޑޭގެ ފިލްމު “ކާލީ ޕީލީ” އަށްވުރެ މަތިން ރޭޓިންގ ލިބުނުކަން ފާހަގަކުރަމުން އުރުވަޝީ ބުނީ، މިއީ ކުރިން ފެންނަ މަންޒަރެއް ނޫން ކަމަށެވެ.

ސަބަބަކީ އާލިއާ އާއި އަނަންޔާ ފަދަ “ސްޓާ ކިޑުން” ނަކީ ކުރީގައި އެންމެންވެސް ބަލައިގަންނަ، ވަރަށް މަތީ ދަރަޖައެއް ދީފައި އޮންނަ ބައެއް ކަމަށްވެފައި، މިހާރު އެކަން ބަދަލުވެފައި ވާތީ ކަމަށް އުރުވަޝީ ބުންޏެވެ. “އޭގެން ތަރިއަކު ގޯސް ކަމެއް ކުރިޔަސް އެކަން ގޯސް ކަމަކަށް ވެސް ނުވާނެ، އެކަމަކު އަހަރެމެން ކަހަލަ ބޭރުން އަންނަ ތަރިއަކަށް ކުޑަ ނަމަވެސް ގޯހެއް ހެދިއްޖިއްޔާ އެހިސާބުން މައްސަލަ ވަރަށް ބޮޑުވާނެ. އަދި ގޯހެއް ނުހެދިޔަސް ދޮގު ޙަބަރު ފަތުރައިގެން ޓީއާރްޕީ ހޯދަންވެސް ބޭނުންކުރާނީ އާދައިގެ ތަރިންގެ ނަން”، ކުރިން އޮތް ގޮތް އުރުވަޝީ ހާމަކުރިއެވެ.

ހަމައެއާއެކު “ޑީއެންއޭ” ނޫހަށް ދިން އިންޓަވިއުގައި އުރުވަޝީ ވަނީ އޭނާއަށް ދިމާވި ނަފްސާނީ ގޮތުން އަސަރުކުރުވި ކަމެއް ކިޔައިދީފައެވެ. “އެއްފަހަރެއްގެ މީޑިއާތަކުން ފެތުރި ޙަބަރެއް އެއީ އަހަރެން ދަންވަރު 2 4 ޖަހާއިރު ރިތިކް ރޯޝަން އަށް ގުޅަނީއޭ ކިޔައިގެން، އަދި އަހަންނާ އޭނައާ ލޯބީގެ ނަހަމަ ގުޅުމެއް އޮވެޔޭ. އޭރު އަހަންނަކަށް ނޭނގުން ކަންތައް ކުރަންވީ ގޮތެއްވެސް. އަހަންނަކީ ރިތިކްގެ ފޭނެއް އެކަމަކު އޭގެ މާނައަކީ އަހަންނާ އޭނައާ ލޯބީގެ ގުޅުމެއް އޮވެއެކޭ ނޫން”، ނަން ޙަރާބު ކުރަން ފަތުރާ އެކަހަލަ ޚަބަރުތަކުން ކޮންމެ ތަރިއަކަށް ވެސް ނަފްސާނީ އަސަރު ކުރާނެ ކަމަށްބުނަމުން އުރްވާޝީ ކިޔައިދިނެވެ.  އަދި އޭނާ ފާހަގަކުރީ، ޖޫންމަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތަށް ވެސް އެފަދަ ކަމެއް ދިމާވެފައި އޮވެދާނެ ކަމަށެވެ.

ބޮލީވުޑްގައި އޮންނަ ނެޕޮޓިޒަމްގެ ވާހަކަ މާ ގަދަޔަކަށް ދެކެވެން ފަށާފައި ވަނީ ސުޝާންތުގެ މަރަށްފަހު ކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!