ކެރިއަރާ ބެހޭގޮތުން ހިނާ ދެއްކި ވާހަކައިން ފޭނުންނަށް ހައިރާންކަން

ސްޓާ ޕްލަސް އިން ގެނެސްދޭ މަޤުބޫލު ޑްރާމާ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” ގައި ކުރިން އަކްޝަރާގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓްރެސް ހިނާ ޚާން އޭނާގެ ކެރިއަރުގެ ދަތިތަކާ ބެހޭގޮތުން ދެއްކި ވާހަކައެއް ފޭނުންގެ ސަމާލުކަމަށް އައިސްފިއެވެ.

މިދިޔަ މަހު ނުކުތް ހިނާގެ ވީޑިއޯ ލަވަ “ހަމްކޯ ތުމް މިލް ގަޔޭ” އާ ގުޅޭގޮތުން ‘ޕިންކްވިލާ’ އަށް ދިން އިންޓަވިއުއެއްގައި ހިނާ ބުނީ 8 އަހަރު ވަންދެން އެއް ޝޯއެއްގައި މަސައްކަތް ކުރުމުން އޭގެ ގެއްލުން ފެނިގެންދިޔަ ކަމަށެވެ. އެގޮތުން އަކްޝަރާގެ ހެދުން ލައިގެން އެހާ ގިނަ އަހަރު އުޅުމުން ގިނަ ބަޔަކު ވަނީ އޭނާ އަކީ އާދައިގެ ސީރިއަލް “ބަހޫ” އެއްގެ ގޮތުގައި ސިއްކަ ޖަހާފައި ކަމަށް ބުންޏެވެ.

މީގެ އިތުރުން ހިނާ ބުނީ، އެ ސިލްސިލާ ކުޅުނު ދުވަސްވަރު ފިލްމުތަކުން ވެސް ފުރުސަތު ލިބުން ކަމަށާއި، ނަމަވެސް އެކަންކަމަށް ވަގުތު ދެވެން ނެތިގެން ދޫކޮށްލަން ޖެހުނީ ކަމަށެވެ. “އޭގެފަހުން އެ ޝޯ ދޫކޮށްލައި ކުރިއަށް ދިޔުން ވެގެންދިޔައީ އުނދަގޫ ނިންމުމަކަށް”.

ހިނާ ބުނީ އޭނާގެ ކެރިއަރުގައި ތަފާތު މަސައްކަތްތަކަށް އިސްކަން ދޭން އެންމެ ބޮޑަށް ނިންމީ ފިލްމު ޕްރޮޑިއުސަރަކު ބުނި ވާހަކައަކުން ކަމަށެވެ. “އޭނަ އަހަރެން ކައިރީގަ ބުނީ ހިނާއޭ، އަހަރެން ބޭނުމޭ ހިނާ ފިލްމެއްގަ ކާސްޓު ކުރަން އެކަމަކު އިންޓަނެޓުގަ ހިނާގެ ނަން ޖެހީމަ ހުސް ފެންނަނީ ޔޭ ރިޝްތާގެ ވީޑިއޯތަކޭ”، ޕްރޮޑިއުސަރު ބުނި ވާހަކަ ހިނާ ހިއްސާކުރިއެވެ.

މިވަގުތު “ބިގް ބޮސް 14” ގައި ބައިވެރިވެގެން ބިގް ބޮސްގެ ގޭގައި އިން ހިނާ އިތުރަށް ބުނީ، މީހުން އޭނާއާމެދު ދެކޭގޮތް ބަދަލުކުރުން ވީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. ނަމަވެސް މިހާރު އޭނާގެ ހުރި ޤާބިލުކަން ގިނަ މީހުންނަށް އެނގޭތީ އުފާކުރާ ކަމަށް ބުންޏެވެ. “ޔޭ ރިޝްތާ ކުޅެވުނީތީ ހިތާމައެއް ނުކުރަން، އެކަމަކު މިހާރު ނިންމައިގެން މިހުރީ ޑްރާމާ ސިލްސިލާތައް ނުކުޅެން”، ފިލްމުތަކާއި ވެބް ސީރީޒްތަކަށް ހުސްވެގެން ހުރި އެކްޓްރެސް ހާމަކުރިއެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” އާ ވަކިވުމަށްފަހު ހިނާ ވަނީ “ބިގް ބޮސް 11” ގައި ބައިވެރިވެގެން ދެވަނަ ނަގައިފައެވެ. ހިނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ “ހެކްޑް” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!