ލަކްޝްމީ ބޮމްބްގެ ޓްރެއިލާ ޔޫޓިއުބަށް، އެކަމަކު މިފަހަރު ޑިސްލައިކްގެ އަދަދެއް ނުފެންނާނެ

އަންނަ މަހު އަޅުވަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ “ލަކްޝްމީ ބޮމްބް” ފިލްމުގެ ޓްރެއިލާ ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.

‘ފޮކްސް ސްޓާ ހިންދީ’ ޗެނަލުން ޔޫޓިއުބަށް ލީ މި ޓްރެއިލާއިން މިފަހަރު ގިނަ ބަޔަކަށް ފާހަގަކުރެވުނު ކަމަކީ، އެ ވީޑިއޯއަށް ލައިކު ނުވަތަ ޑިސްލައިކު ކުރާ މީހުންގެ އަދަދު ނުފެންނަ ގޮތަށް ފޮރުވާފައި އޮތް ކަމެވެ. މިކަމުގެ ސަބަބެއް ކަމަށް ބެލެވެނީ، މަހޭޝް ބަޓްގެ “ސަޅަކް 2” ގެ ޓްރެއިލާ ޔޫޓިއުބަށް ދޫކޮށްލުމުން އާންމުންގެ ފަރާތުން ލިބުނު ނަފްރަތެވެ. އެގޮތުން އެ ޓްރެއިލާ ވެގެން ދިޔައީ ފިލްމެއްގެ ޓްރެއިލާއަކަށް އެންމެ ގިނަ ޑިސްލައިކު ލިބުނު ޔޫޓިއުބް ވީޑިއޯއަށެވެ.

“ސަޅަކް 2” އަށް 13 މިލިއަނަށްވުރެ ގިނަ ޑިސްލައިކު ލިބުމުގެ ސަބަބަކީ، ޖޫންމަހު މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށްފަހު ބޮލީވުޑްގައި އޮތް ނެޕޮޓިޒަމްގެ ބަހުސް ހޫނުވެ އޭނާގެ ފޭނުން ކުރި “އިހުތިޖާޖެވެ”. އެގޮތުން ސުޝާންތުގެ ފޭނުން ބުނަމުން އަންނަނީ މީގެފަހުން ބޮލީވުޑްގައި އަޅުވާ ކޮންމެ ފިލްމެއް ބޮއިކޮޓު ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އަކްޝޭގެ “ލަކްޝްމީ ބޮމްބް” އަށް ވެސް ވަނީ މި ބިރު ކުރިމަތިވެފައެވެ.

“ލަކްޝްމީ ބޮމްބް” އަކީ އަކްޝޭ އާއި ކިއާރާ އަދްވާނީ ލީޑު ރޯލްތަކުން ފެނިގެންދާ ހޮރޯ ކޮމެޑީ ފިލްމެކެވެ. މިއީ ތަމިލް ފިލްމު “ކާންޗަނާ 2” ގެ ރިމޭކެކެވެ. “ލަކްޝްމީ ބޮމްބް” ގެ ޓްރެއިލާ ޔޫޓިއުބުން މިހާތަނަށް 6 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު، މި ފިލްމު ޑިޒްނީ ޕްލަސް ހޮސްޓްސްޓާގައި ރިލީޒް ކުރާނީ އަންނަ މަހުގެ 9 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!