ިފިލްމު އިންޑަސްޓްރީ ދޫކޮށްލުމާއެކު ސަނާގެ އިންސްޓަގްރާމް ފީޑު ދޮވެ ސާފުކޮށްފި

އިންޑިއާގެ މަޝްހޫރު މޮޑެލް/އެކްޓްރެސް ސަނާ ޚާން ފިލްމީ ދާއިރާއާ ދުރުވާން ނިންމިކަން އިއްޔެ އިޢުލާނުކުރުމަށްފަހު، އޭނާގެ އިންސްޓަގްރާމް ފީޑު “ދޮވެ ސާފުކޮށްފި” އެވެ.

އިސްލާމް ދީނަށްޓަކައި ފިލްމީ ދާއިރާއާއި މަޝްހޫރުކަން ދޫކޮށްލަން ނިންމި ސަނާ، 33، ވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރިން ހުރި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ ފޮޓޯތައް ޑިލީޓުކޮށްފައެވެ. އަދި ނިވާކަންކުޑަ ހެދުން ލައިގެން ނަގާފައިވާ ހުރިހާ ފޮޓޯއެއް ޑިލީޓުކޮށްފައިވާއިރު، މިހާރު ސަނާގެ އިންސްޓަގްރާމުން ގިނައިން ފެންނަން ހުރީ އޭނާ ބުރުގާ އަޅައިގެން ހުރި ފޮޓޯތަކާއި، އިސްލާމް ދީނާ ގުޅޭ އެކިއެކި ލިޔުންތަކުގެ ފޮޓޯއެވެ.

“ބިގް ބޮސް 6” ގައި ބައިވެރިވެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ސަނާ އިއްޔެ ކުރި ޕޯސްޓުގައި ބުނީ އޭނާ ބޭނުންވަނީ ހަޔާތުގެ ބާކީ އޮތް ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ކަމަށެވެ. އަދި މީގެ ފަހުން މުނިފޫހިފިލުވުމުގެ ކަންކަމަށް އޭނާއަށް ދައުވަތު ނުދިނުމަށްވެސް ބުނެފައިވެއެވެ. ސަނާގެ މި ނިންމުމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް ތަރިން ވެސް ވަނީ މަރުހަބާ ކިޔައިފައެވެ. އޭގެތެރޭގައި ޓީވީ ތަރިން ކަމަށްވާ ރަޝްމީ ދެސާއީ، އަރްޖުން ބިޖްލާނީ، އޭޖާޒް ޚާން އަދި ދިވްޔާ އަގަރްވާލް ހިމެނެއެވެ. މި އެންމެން ވެސް ފާހަގަކުރީ ސަނާ އަކީ އަބަދުވެސް ވަރަށް ހިތް ސާފު މީހެއް ކަމާއި، ކުރިއަށް އޮތް ތާނގައި ވެސް އުފަލުގައި އުޅުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވެނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ސަނާގެ ޕޯސްޓަށް ކޮމެންޓު ކޮށްފައިވާ ކަމެވެ. އެގޮތުން މުފްތީ ވަނީ ސަނާއަށް ހެޔޮދުޢާ ކޮށް، އުފާވެރި ކާމިޔާބު ދިރިއުޅުމަކަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!