ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދު އާއްމުންނަށް ބޭނުންކުރެވޭނެ: އެޗްޑީސީ

ފުރަތަމަ ފިޔަވަހީގައި ބޭނުންކުރަމުންދާ އުސޫލުން ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދު އާއްމުންނަށް ބޭނުންކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ފަރާތުން ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ޑިރެކްޓަރ މުނިސިޕަލް ޑިޕަރޓްމަންޓް އާދަމް އަޒްމީ ވިދާޅުވީ ކުޑަ ސަރަޙައްދެއް ހުޅުވާލީ މިހާރުވެސް ހުޅުމާލެ ދެވަނަފިޔަވަހީގައި އެކި ސައިޓުތަކުގައި އިމާރަތްކުރުމުގެ ގިނަ މަސައްކަތްތައް ކުރިއަށްދާތީކަމަށެވެ. ހުޅުވާލި ސަރަޙައްދުވަނީ ފެންސުޖަހާ ފާހަގަވެސްކޮށްފައެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރަމުންދާ އުސޫލުން ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދު އާއްމުންނަށް ބޭނުންކުރެވޭނެކަމަށެވެ. ނަމަވެސް އެކި ކަހަލަ ޚާއްސަ ހަރަކާތްތައް އެސަރަޙައްދުގައި އަދި ކުރިއަށް ނުގެންދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

“ފޭސް އެކެކޭ އެއްގޮތަށް މޫދަށްއެރިލާ އުޅުމަށް ބީޗް އޭރިއާ ބޭނުންކުރެވޭނެ. އެކަމަކު ބާބަކިއުފަދަ ހަރަކާތްތަކަށް ހުއްދައެއް ނުދެވޭނެ. މިފަދަ ހަރަކާތްތަކަށް އަދި ފަހުން ވަކި ސަރަޙައްދުތަށް ކަނޑައަޅާނަން.” އަޒްމީ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި މީހުން ދިރިއުޅެން ފަށާފައިވަނީ އަމިއްލަ ފަރާތްތަކުން ތަރައްޤީކޮށްފައިވާ ގެތަކުގައި އެކަންޏެކެވެ. އެޗްޑީސީން ވިދާޅުވީ ދެވަނަ ފިޔަވަހީގެ ގެތަކަށް ބަދަލުވެވެނީ އެޗްޑީސީގެ “ބިލްޑިންގ ޔޫސްއޭޖް” ހުއްދަ ނަގައިގެންކަމަށެވެ. މިހާތަނަށް ދެވަނަ ފިޔަވަހީގައި ދިރިއުޅުމުގެ ހުއްދަ ތިން އިމާރާތަކަށް ދީފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!