އާޒިމާގެ ޝަރީއަތް އާދިއްތައަށް ތާވަލްކޮށްފި

ކުރީގެ އެޓާރނީ ޖެނެރަލް އަދި ކުރީގެ ލީގަލް އެފެއާރޒް މިނިސްޓަރުކަން ކުރެއްވި ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދަޢުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށެވެ.

މި ދެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކޮށްފައިވަނީ މިދިޔަަ މަހުގެ 27 ވަނަ ދުވަހަށެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދެވިފައިނުވަނީ އާޒިމާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑޮކްޓަރަށް ދައްކަން ދާން ޖެހުމާއި ގުޅިގެންނެވެ.

އާދީއްތަ ދުވަހު ބާއްވާ އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ އެ ދުވަހުގެ މެންދުރު 1:30 ގައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގައެވެ. މި މައްސަލަތަކުގެ ތަހުގީގަށް ޔާމީން އާއި އާޒިމާ މީގެކުރިން އެތަށް ފަހަރެއްގެ މަތިން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އެގޮތުން ޕީޖީ އޮފީހުން ވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގގެ ދައުވާ އުފުލާފައެވެ. އެ ދައުވާ މިދިޔަ އަހަރުގެ ފަހުކޮޅު ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވިއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!