ދުވަސްވީ މީހުންނަށް ދޭން ޖެހޭ ޙައްޤު ދިނުމަށް ދީނުގައި އަމުރު ކުރައްވައިފައިވޭ

ޢުމުރުން ދުވަސްވީ މީހުންނަށް ދޭން ޖެހޭ ޙައްޤު ޤަދަރާއި، އިޙްތިރާމު ދިނުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވައި ވަޞިއްޔަތް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ “އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅާލުން” މި މަޢުޟޫއަށެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުތުބާގައި ވަނީ ދުވަސްވީ މީހުންނަށް އަޅާލުމާއި، އެމީހުންގެ ޙައްޤުތައް ދެނެގަނެ، އެ ޙައްޤުތަކަށް ރައްކާތެރިވެ، އަދަބު އިޙްތިރާމް އަދާކުރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. ޢުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ ބަޔަކަށް މިއަދު އެމީހުން ވީނަމަވެސް އެމީހުންނަކީ ދުނިޔޭގައި ގިނަދުވަހު އުޅެ ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ޤައުމުގެ އިސް ރަށްވެހިންކަން ޚުތުބާގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަށްޓަކައި، ބުރަ މަސައްކަތްތަކެއް ކޮށް ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ މީހުންކަންވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން އެމީހުންނަށް ދޭން ޖެހޭ ޙައްޤު ޤަދަރާއި، އިޙްތިރާމު ދިނުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވައި ވަޞިއްޔަތް ކުރައްވާފައިކަންވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވަނީ ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި އެއީ ހަމައެކަނި ރީތި އާދަކާދަ އާއި، ރިވެތި ސުލޫކެއް އެކަނި ނޫން ކަމަށާއި އެއީ އިސްލާމީ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

“އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!” މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޚުތުބާގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިޙްސާންތެރިވުމާއި މުޖުތަމަޢުގެ ކަންތައްތަކުގައި ބައިވެރިކުރުމާއި ކަންކަމުގައި މަޝްވާރާއާއި ޚިޔާލު ހޯދުމަކީ އަޅުގަނޑުމެން ކުރާ ކަންކަމުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއްކަންވެސް ފާހަގަކޮށްފައެވެ.

އެހެންކަމުން އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި، ޢުމުރުން ދުވަސްވީ މީހުންނަށް އިސް ދައުރެއް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދީ އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް އަންނަ ބަދަލުތަކުން ޢުމުރުން އެމީހުން ސަލާމަތް ކުރުމަށްޓަކައި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން، ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ، ވަރަށް މުހިންމު ކަމެއްކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް އުޅުމަކީ މަދުން ނަމަވެސް މުޖުތަމަޢުން ފެންނަމުންދާ ހިތާމަވެރި މަންޒަރެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

“ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިހުމާލު ވުމުގެ ސަބަބުން ލިބޭ އަނިޔާތައް ގިނަ ގުނައެވެ. ޢުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. މީގެ ތެރޭގައި، އާއިލާގެ ތެރެއިންނާއި، މުޖުތަމަޢުގެ ތެރެއިން ވެސް ވެވޭ އިހުމާލުތައް ފާހަގަ ކުރެވެއެވެ.” ޚުޠުބާގައި ވިދާޅުވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތުގެ ފައިސާ އެހެން މީހުން ބޭނުން ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަންވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!