ސުޕްރީމް ކޯޓުގެ އައު ޤަވާޢިދެއް އެކުލަވާލައިފި

ގިނަ ބަދަލުތަކަކާއެކު ސުޕްރީމް ކޯޓުގެ އައު ޤަވާޢިދެއް އެކުލަވާލާއި، ހޮނިހިރު ދުވަހު އަމަލުކުރަން އެކޯޓުން ނިންމައިފިއެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާޢިދު” އެކޯޓުން މިއަދުވަނީ އާންމުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން މައްސަލަ ބަލައިގަތުމާއި، އެ ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި ބޭއްވޭ އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ޤަވާއިދެވެ.

މި އޮކްޓޫބަރު މަހުގެ ދިހައެއްވާ ހޮނިހިރު ދުވަހު ޢަމަލުކުރަން ފަށާ ސުޕްރީމް ކޯޓުގެ މި އައު ޤަވާއިދާއެކު، ކުރިން ސުޕްރީމް ކޯޓުން ޢަމަލުކުރަމުން އައިގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެކަމަށް އެކޯޓުން ވިދާޅުވިއެވެ. އެ ގޮތުން، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ސުޕްރީމް ކޯޓަށް ހުށަހެޅޭ ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާޢީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް މި ޤަވާއިދުގައި ވަނީ ހިމެމަނާފައެވެ.

މީގެއިތުރުން، ކޯޓަށް ހާޒިރުވުމުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ރައްދުކުރުމާއި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ އުސޫލުތަކުގެ އިތުރުން، އައު ހެކި ހުށަހެޅުމާއި ހެކިންނާއި ޚަބީރުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތްތައް ވަނީ ބަޔާންކޮށްފައެވެ.

މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުން، 2008 ވަނަ އަހަރުގެ ސެޕްޓެންބަރު 21 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ “ސުޕްރީމް ކޯޓުގެ ގަވާއިދު 2009” އާއި އެ ގަވާއިދަށް ގެނެވުނު އިޞްލާޙްތަކާއި މި ޤަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރެވިފައިވާ ސުޕްރީމް ކޯޓުގެ ނިންމުންތައް އުވުނީކަމަށް ޤަވާޢިދުގައިހިމަނާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!