މިހާތަނަށް 65 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި މަހުގެ މިހާތަނަށް 65 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިންތިހާބުގެ ހާއްސަ ގާނޫނު ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު، ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބަށް ކުރިމަތިލީ 43 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލީ 22 ކެންޑިޑޭޓުން ކަމަށެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރާ 21 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވަދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 14 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ހަތަރު ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގާފައެވެ. ޕީޕީއެމްއިން ފަސް ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމީޓީގެ އިންތިހާބުގައި އެމްޑީޕީގެ 15 މެމްބަރަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ޕީޕީއެމުން ދެ ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ވާދަކުރާ ފަސް ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!