އައިފޯން 12 ގެ އިންތިޒާރުގައި ނުނިދިގެން އުޅެނީ ކޮން ބައެއް؟

އެޕަލް ކުންފުނިން އުފައްދާ އައިފޯން ސީރީޒަކީ ކޮންމެ އަހަރަކު ވެސް އާ ވައްތަރެއް އިތުރުކުރަމުން އަންނަ ސީރީޒެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ބާއްވާ އެޕަލް އިވެންޓުގައި، އަލަށް ނެރޭ ހުރިހާ ޕްރޮޑަކްޓަކާ ބެހޭގޮތުން މައުލޫމާތު ދެމުން އައިސް، މިދިޔަ ސެޕްޓެމްބަރު ގިނަ ބަޔަކު މާޔޫސްކޮށްލި މި އަހަރުގެ އިވެންޓުގައި އައިފޯން12 ގެ ވާހަކަ ދައްކާފައި ނުވާތީއެވެ.

އެހެނަސް އެ މާޔޫސްކަމަށް ތަސައްލީއެއް ލިބިގެން ދިޔައީ، މި މަހުގެ 13 ގައި އޮންނަ އެޕަލް އިވެންޓަކަށް ދަޢުވަތު ފޮނުވަން ފެށުމުންނެވެ. “ހައި، ސްޕީޑް” ގެ ނަމުގައި މި މަހުގެ 13 ވަނަ ދުވަހު އެޕަލް ޕާކްގައި އިވެންޓް ފަށާނީ ރާއްޖޭ ގަޑިން އެ ރޭ 10:00 ގަ އެވެ. ސެޕްޓެމްބަރުގައި ބޭއްވި އިވެންޓެކޭ އެއްގޮތަށް މިފަހަރުވެސް އޮންނާނީ ވާޗުއަލް ކޮށެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އައިފޯނު 12 ނެރޭނީ 5ޖީ އާ އެކީގައެވެ. އޭގެ ހަތަރު މޮޑެލްއެއް ނެރޭނެއެވެ. އޭގެ ތެރޭގައި 5.4 އާއި 6.7 އިންޗީގެ ފޯނު ވެސް ހިމެނެއެވެ. މީގެ ތެރެއިން 6.7 އިންޗީގެ ފޯނު ވާނީ މިހާތަނަށް ނެރޭ އައިފޯނުގެ އެންމެ ބޮޑު ފޯނަށެވެ. އަދި މި ފަހަރު ފޯނުގެ ޑިޒައިންތަކުން ވެސް ފާހަގަކުރެވޭ ބަދަލުތަކެއް ފެންނާނެއެވެ. ނަމަވެސް އެޕަލް ކުންފުނިން އައިފޯން 12 އާ ބެހޭގޮތުން މާ ގިނަ މަޢުލޫމާތުތަކެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

ކޮންމެއަކަސް، އައިފޯނަށް ލޯބިކުރާ މީހުން މިހާރުވެސް ތިބޭނީ އައިފޯން 12 އާ މެދު ހުވަފެންތައް ދެކެންކެން ގައިމެވެ. އެގޮތުން އުފަންދުވަހުގެ ހަދިޔާއަކަށް އައިފޯން 12 އެއް ލިބޭނެ ކަމަށް މިހާރުންސުރެ އެއްބައި މީހުން އަންނަނީ މީސްމީޑިއާގައި އެކަމަށް އިޝާރާތްކޮށް ޕޯސްޓުތައް ހިއްސާވެސް ކުރަމުންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އައިފޯނަކީ ރާއްޖޭގައި ވެސް ވަރަށް މަޤުބޫލު އެއްޗެއް ކަމެވެ. އަދި އިންސްޓްލޯމަންޓަށް ނަގަން ވިޔަސް ކޮންމެ އަހަރަކު އާ އައިފޯނަކަށް ބަދަލު ކުރާ މީހުންވެސް މަދެއް ނޫނެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް، އެންމެ ފަހުގެ އައިފޯނެއް އޮތުމަކީ މިހާރުގެ މީހުން ދެކޭގޮތުގައި މީހާގެ ހައިބަތު ވަރުގަދަކޮށްދޭ ކަމެކެވެ. ދެއިރަށް ނުކައި ހުންނަން ޖެހުނަސް، އަތުގައި އައިފޯނެއް އޮންނަނިކޮށް ހުރިހާ ކަމެއް އެ ހަމަވީ ކަމަށް ދެކެނީ ނިސްބަތުން މަދު ބައެއް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!