ދެ ލޯބިވެރިންގެ ގުޅުމާމެދު ހިތްހަމަނުޖެހިގެން ގޯރީގެ ބޭބެ ޝާހުގެ ބޮލުގައި ބަޑިޖެއްސި!

މަޝްހޫރު އެކްޓަރު ޝާހްރުކް ޚާނާއި އޭނާގެ އަންހެނުން ގޯރީ ޚާނަކީ ބޮލީވުޑްގައި ތިބި ލާމަސީލު ޖޯޑުތަކުގެ ކުރީގައި އުޅޭ ޖޯޑެއް ކަމާމެދު އެކަކުވެސް ޝައްކެއް ނުކުރާނެއެވެ. މި ދެމީހުންގެ ކައިވެންޏަށް 29 އަހަރުވާން ގާތް ވެފައި ވާއިރު، އިއްޔެ އަކީ ގޯރީގެ 50 ވަނަ އުފަންދުވަސް ފާހަގަކުރި ދުވަހެވެ. އަދި އުފަންދުވަހާ ގުޅިގެން، ގޯރީއާއި ޝާހުގެ ގުޅުން ފެށިގެން އައި ގޮތުގެ ވާހަކަ ބައެއް މީޑިއާތަކުން އަންނަނީ ހަނދާންކުރަމުންނެވެ.

އެގޮތުން ޝާހަކީ ފިލްމު ކުޅޭ މީހަކަށް ވީތީ ގޯރީގެ އާއިލާއިން އެ ގުޅުމަށް ނުގަބޫލުވިކަން މަޝްހޫރު ފިލްމު ކްރިޓިކް އަދި ނޫސްވެރިޔާ އަނުޕަމާ ޗޯޕްރާ މީގެކުރިން ލިޔުނު ފޮތެއްގައި ވަނީ ތަފްސީލުކޮށް ކިޔައިދީފައެވެ. “ކިންގް އޮފް ބޮލީވުޑް: ޝާހް ރުކް ޚާން އެންޑް ދަ ސެޑަކްޓިވް ވޯރލްޑް އޮފް އިންޑިއަން ސިނެމާ” ގެ ނަމުގައި އަނުޕަމާ ލިޔެފައިވާ ފޮތުގައި ބުނަނީ، ގޯރީއާއި ޝާހު ލޯބީގެ ގޮތުން ގުޅުނު އިރު ޝާހަކީ ޓީވީ ޝޯ “ފައުޖީ” ކުޅެގެން މަޝްހޫރުކަން ލިބިފައިވާ ތަރިއެއް ކަމަށެވެ. ނަމަވެސް ގޯރީގެ އާއިލާއަށް އެކަން ވީ ބަލައިގަންނަން އުނދަގޫ ކަމަކަށެވެ.

ގޯރީގެ ބައްޕަ ރަމޭޝް ޗިއްބާ ދެކުނު ގޮތުގައި ފިލްމު ކުޅޭ މީހުންނަކީ އެއްވެސް އަގެއް ނެތް ބައެކެވެ. އަދި ދެމީހުންގެ ދީން ތަފާތުވުމުގެ ބޮޑަށް ރަމޭޝަށް މައްސަލައަކަށްވީ ޝާހުގެ ވަޒީފާ ކަމަށް އަނުޕަމާ ލިޔެފައިވެއެވެ. މީގެއިތުރުން ގޯރީގެ މަންމަ ސަވިތާއަކީ ޓީވީ އިން ޝާހުގެ ފިލްމުތައް ބަލަން ވަރުހުންނަ މީހަކަށްވިޔަސް، ޝާހު އެމީހުންގެ ދަރިފުޅާ އިންނަން ދެކޮޅުހެދި ކަމަށްވެއެވެ. އަދި އެ ގުޅުން ކަނޑައިލަންވެގެން ފާދިރީއެއް ކައިރިއަށް ވެސް ސަވިތާ ދިޔަކަމަށް ބުނެއެވެ.

ގޯރީ ޝާހު އާ އިންނަން ގޯރީގެ މުޅި އާއިލާވެސް ނުގަބޫލުކަން އެނގިގެން ދަނީ، އެ ގުޅުން ހުއްޓުވަން ވެގެން ގޯރީގެ ބޭބެ ޝާހަށް ބިރުދެއްކުމުންނެވެ. އެގޮތުން މާރާމާރީ ހިންގައި، “ގުންޑާ” އެއްގެ ގޮތުގައި އޭރު ނަން މަޝްހޫރުވެފައިވާ ވިކްރާންތު (ގޯރީގެ ބޭބެ) ޝާހަށް ބިރުދެއްކީ ބޮލުގައި ބަޑި ވެސް ޖައްސާފައި ހުރެ ކަމަށް އަނުޕަމާގެ ފޮތުގައި ލިޔެފައިވެއެވެ. އަދި އެ ގުޅުން ނިމުމަކަށް ނުގެނެސްފި ނަމަ ކަންތައް ވަރަށް ގޯސްވާނެ ކަމަށް ވިކްރާންތު ވަނީ ޝާހު ކައިރީގައި ބުނެފައެވެ. ނަމަވެސް މިއިން އެއް ކަމަކުން ވެސް ޝާހު ޖެހިލުންނުވާ ކަމަށާއި، ގޯރީއާ އިންނަން އޮތް އަޒުމަށް ކުޑަވެސް ލޮޅުމެއް ނާރާ ކަމަށް އެ ފޮތުގައި ވެއެވެ.

ގޮތް ދޫ ނުކުރުމުގެ ނަތީޖާއަކަށް ވީ، ހަ އަހަރު ރައްޓެހިވެގެން އުޅުމަށްފަހު ޝާހްރުކް ޚާނާއި ގޯރީގެ ކައިވެނި އެންމެފަހުން ކުރެވުމެވެ. އެގޮތުން 1991 ވަނަ އަހަރު ކުރެވުނު ކައިވެންޏަށް މިހާރު ވަނީ 3 ކުދިން ލިބިފައެވެ. ޝާހު ބޮލީވުޑްގެ އެންމެ އުސްމިންތަކަށް އަރާފައި ވާއިރު، ގޯރީ އަކީ ކާމިޔާބު ޑިޒައިނަރަކާއި ޕްރޮޑިއުސަރެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!