ކުޑައިރުގެ ފޮޓޯއަކާއެކު ނަރްގިސް ކިޔައިދިނީ އޭރުގެ ފަގީރު ދިރިއުޅުން

އެމެރިކާއަށް އުފަން ބޮލީވުޑް އެކްޓްރެސް/މޮޑެލް ނަރްގިސް ފަޚްރީ، އޭނާ އުޅެބޮޑުވި ނިކަމެތި ހާލަތު ފޭނުންނަށް ކިޔައިދީފިއެވެ.

40 އަހަރުގެ ބަތަލާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާއެކު ކެޕްޝަންގައި ކިޔައިދިނީ ކުޑައިރު ދިރިއުޅުނު ހާލަތާއި، އޭރާއި މިހާރުވެސް އާއިލާގެ މުހިންމު ކަމެވެ. އެގޮތުން ކުޅެން އުޅުމުގެ ތެރޭގައި ނަގާފައިވާ އެ އުފާވެރި ފޮޓޯއާއެކު ނަރްގިސް ކިޔައިދިން ވާހަކައަކީ، އޭނާގެ އާއިލާގެ ތެރޭގައި އޮތް އެކުވެރިކަމާއި، އެކަކު އަނެކަކަށް ލިބޭ އެއްޗެހި ހިއްސާކޮށްގެން އުޅުނު ގޮތުގެ ވާހަކައެވެ.

“އަހަރެމެން އުޅެބޮޑުވީ ކިތަންމެ ފަގީރު ހާލެއްގައި ކަމަށްވިޔަސް، އެކަކު އަނެކަކަށްޓަކައި އަބަދުވެސް ތިބިން. ބައެއްފަހަރު ކާނެ އެއްޗެއް ނުލިބޭއިރު، އެކަކަށް ލިބޭ ފެނުކެއްކި ބިހެއް ނުވަތަ ބޯނެ ކިރުފޮދެއް ވިޔަސް އެހެން އެންމެންނާ ހިއްސާކޮށްގެން ކާނީ”، ނަރްގިސް ކިޔައިދިނެވެ.

ނަމަވެސް ނަރްގިސް ބުނީ ބޮޑުވަމުން އައި އިރު ދިރިއުޅުމުގެ ކަންކަމުގައި އެކި މީހުން އެކި ތަންތަނަށް ގޮސް، ކުރިން އޮތް ގާތްކަން ނެތިފައި ވާތީ އެކަމާ ވަރަށް ދެރަވާ ކަމަށެވެ. “ކޮންމެ ގޮތެއް ވިޔަސް، މިއަދުވެސް ތިއީ އަހަރެންގެ އާއިލާއަކީ”، ލިޔުންކޮޅު ނިންމައިލަމުން ނަރްގިސް ބުންޏެވެ. އަދި މި ޕޯސްޓުގެ ސަބަބުން ޖަޒުބާތީވި ބައެއް ތަރިން ވަނީ ކޮމެންޓު ކޮށްފައެވެ. އޭގެތެރޭގައި ބަތަލާ ޕްރިތީ ޒިންތާއާއި އިލީނާ ޑީ ކްރޫޒް ހިމެނެއެވެ.

މީގެ އިތުރުން ‘ރެޑިފް’ އަށް ދިން އިންޓަވިއުއެއްގައި ނަރްގިސް ވަނީ އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރި ގޮތް އެއަށްވުރެ ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން ޕާކިސްތާނު ބައްޕަ އަކާއި ޗެކް ރިޕަބްލިކް މަންމައެއްގެ ދަރިއަކަށް ވީތީ ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވި ކަމަށް ބުންޏެވެ. މައިގަނޑު ސަބަބަކީ އެމެރިކާގައި އިމިގްރެންޓުންގެ ގޮތުގައި އުޅެންޖެހުން ކަމަށް ނަރްގިސް ފާހަގަކުރިއެވެ. އަދި މަންމައާއި ބައްޕައަށް ވެސް އިނގިރޭސި ބަސް އެހާ ރީތިކޮށް ނޭނގޭތީ، އެދެމީހުން އެކަކު އަނެކަކާ މުއާމަލާތް ކުރަން އުނދަގޫވެގެން އުޅުނުތަން ބަލަން ޖެހުނު ކަމަށްވެސް ބުންޏެވެ.

ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން ނަރްގިސް އެންމެ ހަނދާން ހުންނަ އެއްކަމަކީ، މަންމަ ޕާކިސްތާނު ކާނާ ކައްކަން ދަސްކުރަން އުޅެމުން ނަރްގިސް އަށް އެ އެއްޗެހި ކާންދީ އުޅުންކަން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ އުމުރުން 10 އަހަރުގައި މައިންބަފައިން ވަރިވުމުން ދެން ކުރިމަތިވީ ވެސް ދަތި ދުވަސްތަކެއް ކަމަށް ބުންޏެވެ.

ފިލްމު “ރޮކްސްޓާ” އިން 2011 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ސަންޖޭ ދަތު ލީޑު ރޯލު ކުޅޭ “ތޯރްބާޒް” އެވެ. މިއީ ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ ފިލްމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!