ދެދަރިން ޖަލަށް ލީމަ ހިތްދަތިވެގެން އަމިއްލައަށް މަރުވާނަމޭ ހިތަށް އެރި: ރިއާގެ މަންމަ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބޮލީވުޑް އެކްޓްރެސް ރިއާ ޗަކްރަބަތީ އާއި ކޮއްކޮ ޝޮވިކް ޗަކްރަބަތީ ޖަލަށް ދިޔުމުން ހަޔާތަށް ވެރިވި ހިތްދަތިކަން އެދެބެއިންގެ މަންމަ ސަންދްޔާ ޗަކްރަބަތީ ހިއްސާކޮށްފިއެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އަށް ދިން އިންޓަވިއުއެއްގައި ސަންދްޔާ ބުނީ ކަފާލާތުގެ ދަށުން އިއްޔެ ރިއާ މިނިވަންވުމުން އުފާވެފައި ހުރި ކަމަށާއި، ނަމަވެސް ހަގު ދަރިފުޅު ޝޮވިކް އަދިވެސް ޖަލުގައި ބަންދުވެފައި ހުރުމުން ހިތްދަތިކަން އެއްކޮށް ފިލައި ނުދާ ކަމަށެވެ. އެކަން ސިފަކުރަމުން ސަންދްޔާ ބުނީ މާދަމާ ވާނެ ގޮތެއް ނޭނގޭތީ ހިތް ބިރުގަނެފައި ހުރި ކަމަށެވެ.

މީގެ އިތުރުން ވެސް ސަންދްޔާ ވަނީ އޭނާގެ ދިރިއުޅުމަށް އައި ބަދަލު ތަފްސީލުކޮށް ކިޔައިދީފައެވެ. “އެކުދިން ޖަލަށް ލީ ފަހުން އަހަންނަކަށް ރަނގަޅަށް ނުނިދޭ އަދި ނުވެސް ކެވޭ. ރޭގަނޑު ނިދާފަ އޮވެފަ ވެސް އިރުއިރުކޮޅާ ނިދިން ހޭލެވޭ ހިތް ބިރުގަނެގެން”، އެ އާއިލާ ހަމައެކަނި މުޖުތަމައިން ބާކީ ވީ ނޫން ކަމަށާއި، މުޅި އާއިލާ ފުނޑުފުނޑުވެއްޖެ ކަމަށް ބުނަމުން ސަންދްޔާ ބުންޏެވެ.

“ވަކި ހިސާބަކުން ހިތަށް އެރީ ދެން ނެތޭ މިކަމުން ސަލާމަތްވުމެއް، މިއަށްވުރެ މާ ރަނގަޅު ވާނެޔޭ އަމިއްލައަށް މަރުވިޔަސް. އަހަންނަކީ ކުރިން މިކަހަލަ އެއްޗެހި ވިސްނި މީހެއް ވެސް ނޫން”، ސަންދްޔާ ބުނީ އޭނާއަށް ކުޑަވެސް ލުޔެއް ލިބުނީ ތެރަޕީ އަށް ގޮސްގެން ކަމަށެވެ. އެގޮތުން، ދަރިންނަށްޓަކައި ވެސް ދުނިޔޭގައި ހުންނަން އެބަޖެހޭ ކަން ވިސްނުނު ކަމަށް ބުންޏެވެ. “މިހާރު އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުން މިދަނީ، އަހަރެންގެ ދަރިން ވޭތު ކުރަމުން އެދަނީ މާ އުނދަގޫ ކަންކަމޭ، އެހެންވީމަ އެމީހުންނަށްޓަކައި އަހަރެން ހިތްވަރުކުރަން ޖެހެޔޭ”.

ސަންދްޔާ ބުނީ މިހާރު ރިއާ މިނިވަންވެގެން އައުމުން، އޭނާ ވެސް ދެން ގެންދަން ޖެހޭނީ ތެރަޕީއަށް ކަމަށެވެ. “އޭނަ އަށް ކުރިމަތިވި ހުރިހާ ކަމަކުން ދުވަހަކުވެސް އަރައިގަނެވޭނެ ބާ؟” ސަންދްޔާ ސުވާލު އުފެއްދިއެވެ. ނަމަވެސް ރިއާގެ މަންމަ ބުނީ ރިއާ އަކީ ހިތްވަރުގަދަ ކުއްޖެއް ކަމަށާއި، ގެއަށް އައި ފުރަތަމަ ދުވަހުވެސް އެންމެން ކައިރީގައި ހިތްވަރުކުރުމަށް ބުނި ކަމަށެވެ.

“އަހަރެމެން އެންމެންގެ މޫނަށް ބަލާފަ އަހަނީ ކީއްވެހޭ ދެރަވެފަ ތިތިބީ. އަހަރެމެން އެބަޖެހެޔޭ ހިތްވަރުކޮށްގެން މިކަމާ ކުރިމަތިލާން”، 28 ދުވަސް ފަހުން އެނބުރި ގެއަށް އައިސް ރިއާ ބުނި ވާހަކަ މަންމަ ހިއްސާކުރިއެވެ.

ޗަކްރަބަތީ އާއިލާ ދިރިއުޅޭ ގޭގެ ބޭރުގައި މިހާރު ވާނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ކަމަށް ސަންދްޔާ ބުންޏެވެ. އެއީ އެ އާއިލާގެ ރައްކާތެރި ކަމަށާއި، ގޭގެ ބެލް ޖަހާ ކޮންމެފަހަރަކު ހިތް ބިރުގަންނަ ވަރުން ކަމަށް އޭނާ ކިޔައިދިނެވެ. 1 ލައްކަ ރުޕީސްގެ ބޮންޑެއް ދައްކައިގެން ރިއާއަށް ކަފާލާތު ލިބުނަސް، އޭނާގެ ކޮއްކޮއަށް ކަފާލާތު ދޭން މުމްބާއީ ހައި ކޯޓުން ވަނީ ދެކޮޅުހަދައިފައެވެ. އެއީ ޝޮވިކަކީ ވަރުގަދަ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން އޮންނަ އެކްޓިވް މެމްބަރަކަށް ވާތީ ކަމަށް މީޑިއާތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!