އައްޑޫ ވިޔަފާރިވެރިޔާ މަރާލި މައްސަލަގައި އެކަކު 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލި މައްސަލައިގައި އޭނާ އަށް ބޮޑުބޭބެ ކިޔާ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދަޢުވާލިބޭ ފަރާތްތަކުގެތެރެއިން މިއަދު ކުރިއަށް ގެންގޮސްފައިވަނީ އައްޑު އަތޮޅު ހިތަދޫ/ހެޕީފިއުޗަރ, އަޙްމަދު އިބްރާހިމްދީދީގެ ޝަރީޢަތެވެ.

ދަޢުލަތުން އަޙްމަދު އިބްރާހިމްދީދީގެ މައްޗަށްވަނީ ޤާނޫނުލްއުޤޫބާތުގެ 110 ވަނ މާއްދާގެ(ރ)ގެ ދަށުން އެނގިހުރެ މީހަކު މެރުމުގެ ދަޢުވާކޮށްފައެވެ.

އަޙްމަދު އިބްރާހިމްދީދީގެ މައްޗަށް ކުރި މި ދަޢުވާކުރިއިރު, ޝައްކެއްނެތް މިންވަރަށް ވަނީ ކުށް ސާބިތުވެފައެވެ. މި ގޮތުން އަޙްމަދު އިބްރާހިމްދީދީ 12 އަހަރާއި 06 މަސް ދުވަހަށް ޖަލަށްލުމަށް މިއަދު ވަނީ ޙުކުމްކޮށްފައެވެ.

2016 ވަނަ އަހަރު ހިނގި މި މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ދެމުން އޭރު ފުލުހުން ބުނެފައިވަނީ، އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އެގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އޭގެ އިތުރުން، އަލީ އަބްދުﷲ މަރާލުމުގައި އަމަލީ ގޮތުން އަހުމަދު އިބްރާހީމް ދީދީ ބައިވެރިވެފައިވާކަން ތަހުގީގުން އެނގެން އޮތްކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އަޙުމަދު އިބްރާހިމް ދީދީގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، މައްސަލައިގައި އިތުރު ބަޔަކަށް ވެސް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!