ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގައި އިދާރާތަކުން އިހުމާލުވެފައިވާ މައްސަލަތައް ތަހުޤީގު ކުރަނީ

ޤާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމަައަށް ކަށަވަރު ކުރެވޭކަން ވަޒަން ކުރުމަށްޓަކައި ކަމާއި ގުޅޭ ޤާނޫނުތައް ރިވިއު ކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލު ވެފައިވާ ކަމަށް ފާހަގަ ކުރެވޭ މައްސަލަތަކާއި ގުޅޭ ތަހުޤީގުގެ މަސައްކަތް ފަށައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައި ތިއްބާ މަރުކަޒުތަކުގެ ހާލަތު ވަޒަންކޮށް، އެމަރުކަޒުގައި އެކުދިންނާއި މެދު އަމަލު ކުރެވެމުންދާ ގޮތްތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ 5 މަރުކަޒަކަށް 2020 މާރޗް 20ން 2020 އެޕްރީލް 14ށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ކޮމިޝަންގެ ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވައްޗާ ގުޅޭ 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލް އާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހުކުރަންޖެހޭ 11 ރިކޮމެންޑޭޝަން އަދި އައްސޭރި ޖަލާ ގުޅޭ 13 ރިކޮމެންޑޭޝަނެއް ހުށަހަޅާފައި ވެ އެވެ. އެކަންކަމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމަށްޓަކައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

“ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭނެކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭ ތަހުގީގުގެ މަސައްކަތްތައް މި ކޮމިޝަނުން މި ގެންދަނީ ކުރަމުންނެވެ،” މިދިޔަ ފެބްރުއަރީ 20 ގައި ރައީީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަދި މި ކަންކަމާއި ގުޅިގެން މިހާރުން މިހާރަށް އިސްލާހު ކުރަންޖެހޭ ކަންކަމާއި އެކަންކަން އިސްލާހު ކުރުމަށްޓަކައި ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ބަޔާންކޮށް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓް 23 ޖޫން 2020 ގަ އާއި 23 ޖުލައި 20202 ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރެވިފައި ކަމަށް ބަޔާނުގައި ވެއެވެ.

ހަމަ އެއާއެކު 14 ސެޕްޓެމްބަރު 2020 ގައި ފިޔަވަތި މަރުކަޒާއި، ދޫނިދޫ ކަސްޓޯޑިއަލް އާއި އައްސޭރި ޖަލާއި ގުޅޭ ޕްރެލިމިނަރީ ރިޕޯޓްތައް އެ ކޮމިޝަންގެ ފަރާތުން ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށާއި، އެ ޕްރިލިމިނަރީ ރިޕޯޓްގައި ފިޔަވަތި މަރުކަޒުގައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލް އާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަން، އަދި އައްސޭރި ޖަލުގައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަން ކޮމިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާއި ބެހޭ މުއައްސަސާތަކުން އަމަލު ކޮށްފައިވާގޮތް ދެނެގަތުމަށްޓަކައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހަށް ހުށަހެޅޭ މައްްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކޮމިޝަނުން ކުރަމުންގެންދާ ކަމަށެވެ.

ކޮވިޑް-19 ޕެންޑަމިކްގެ ހާލަތާއި ގުޅިގެން ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތުވެގެންދިޔަ ކަމުގައިވިނަމަވެސް ، ކޮމިޝަންގެ އަމާޒަކީ ވީ އެންމެ އަވަހަށް ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކޮށް، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި ކުޑަކުދިންނަށް ޚިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން އިސްލާހު ކުރެވޭނެ ގޮތްތައް ހުށަހަޅައި، ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒު ކުރުމަށް ބާރުއެޅުން ކަމަށް ބަޔާނުގައިވެއެވެ.

ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ މުއައްސަސާއަކުން ކޮމިޝަނަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!