ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ކަނޑޫގަސް ރާއްޖެއިން ފެނިއްޖެ

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީގެ (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ އަހަރުގެ މާޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުންނެވެ.

މި ސާރވޭ މިނިސްޓްރީ އިން ކުރިއަށް ގެންދިއައީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ “ރީޖެނެރޭޓް” ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި މި ސާވޭއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދެވުނު ސާރވޭއެއް ކަމަށް އެމިނިސްޓްރީ އިން ފާހަގަކުރެއެވެ.

މިނިސްޓްރީ އިން ބުނީ ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ 4 ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި ގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ކަނޑޫ އާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާ ކަމަށެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލަވާނެ ކަމަށާއި ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތް ކަމަށް މިނިސްޓްރީ އިން ފާހަގަކުރެއެވެ.

މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި “ކްރިޓިކަލީ އެންޑެންޖަރޑް” ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ. މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ. 2010 އަކާ ހިސާބަށް ކުރެވުނު ސަރވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ. ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށް މިނިސްޓްރީ އިން ފާހަގަކުރެއެވެ.

މި ސާރވޭއާއި ގުޅޭ ރިޕޯޓް މިހާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައި ވާއިރު، ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. މި ފެނުނު އާ ބާވަތާއެކު ދިވެހިރާއްޖޭން މުޅިއަކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ. މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައި ވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުން ވެސް ފެނުން އެކަށީގެންވެއެވެ. މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މިހާރު ދަނީ މަޝްވާރާ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!