މަސްތުވާ ތަކެތީގެ މައްސަލައިގައި ދިވެއްސަކު ރަހީނު ކޮށްފި

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ހިންގި އޮަޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅިގެން، އެ މަސްތުވާތަކެތި ވިއްކި ފަރާތުން ދިވެއްސަކު ރަހީނުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ،  ސ.ހިތަދޫ/ފިނިފަރު، ޢުމުރުން 33 އަހަރުގެ ޢަބްދުﷲ އިބްރާހިމް އިސްވެ ހުރެގެން ދިވެހިންގެ އިތުރު ބަޔަކާއި ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑު މަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ މަޢުލޫމާތު ލިބުމުން އައްޑޫ ސިޓީގައިހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅިގެން 14 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އަތުލައި ގަނެވުނު މަސްތުވާ ތަކެތީގެ ބަރުދަނުގައި 100 ކިލޯ ހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

300 ކިލޯގެ މަސްތުވާ ތަކެތި ނަތްތާލުމަށް ފަހު ނުސްވެރިންނަށް މައުލޫމާތު ދެމުން ސީޕީ ވިދާޅުވީ، މަސްތުވާ ތަކެތި ރާއްޖެއަށް ވިއްކާ މީހުން އެ ޑީލު ފުރިހަމައަށް ނިމެންދެން އެމީހުންގެ ބެލުމުގެ ދަށުގައި ދިވެއްސަކު ރަހީނުކޮށްފައި ބަހައްޓާ ކަމަށާއި، އޭގެ ހެކިވެސް އެބަހުރިކަމަށެވެ.

” ކޮންމެ ޑީލެއްގައި ވެސް ދިވެހި ފަރުދަކު އެބަހުރޭ ހޮސްޓޭޖް ވެފައި. މި ގަންނަ ފަރާޓުން އެބަ ޖެހޭ މުޅި ޓްރާންސެކްޝަން ނިމެންދެން، ވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ދިވެއްސަކު ބަހައްޓަން. ފާއިތުވެ މިފަދަ އެތައް ބޮޑު އޮޕަރޭޝަނެއްގައި އެތައް ޓްރާންސެކްޝަނެއްގައި މިކަން ހިނގާފައި އެބަ ހުރިކަން އެބަ އެނގޭ. ފޮޓޯ އެބަހުރި ވީޑިއޯ އެބަހުރި. ސޯސް ކަންޓްރީގަ ނުވަތަ ސޯސް އިން ކަނޑައަޅާ ަތނެއްގައި އެބަ ހައްޔަރުވެފައި ހުންނަން ޖެހޭ މީގެ ފުރހަމަ އަގު އަދާކުރެވެންދެން. .” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ އޮކްޓޯބަރު 1 ވަނަ ދުވަހު އަތުލައި ގަނެވުނު މަސްތުވާ ތަކެތީގެ އަގު 150 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށާއި، މިއަށް ވުރެ ބޮޑު އަގުގައި މިތަކެތި ގަޑުބަޑުކޮށްގެން ވިއްކާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!