ޤައިދީން މުޖުތަމަޢަށް ނުކުންނައިރު މީހުން ބަލައިގަންނަ، ބަޔަކަށް ހެދުމަކީ އުއްމީދެއް: މިނިސްޓަރ ޢިމްރާން

ޤައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ، މަސައްކަތަށް އަހުލުވެރި، އަދި މަސައްކަތަށް ޝައުޤުވެރި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްޓެލްކޯއާއެކު “ފަހި ފުރުޞަތު” އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހުއެވެ.

އުފާފާގަތި ޞުލުހަވެރި މުޖުތަމަޢެއް ބޮނާކުރެވޭނީ ދުޅަހެޔޮކަމާއި ބަދަހިކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެގެން ކަމަށެވެ. ކުށުގެ ވެއްޓަށް ހުށަހެޅޭ މީހުންގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ވަރަށްނުރަނގަޅު އަސަރެއްކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ގިނަފަހަރަށް އެފަރާތްތައް ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިޤްޠިޞާދީ ގޮތުން ކުރިމަތިލާންޖެހޭ ނިކަމެތިކަމާއި އިޖުތިމާއީ ގޮތުން ކުރިމަތިވެގެންދާ ބަލިމަޑުކަން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރޭއިރު އެމީހުންނަކީ މުޖުތަމައުއަށް އަހުލުވެރިވެފައިވާ މަސައްކަތްތެރި، ހުނަރުވެރި ބަޔަކަށް ހެދުމަށް ކަރެކްޝަނަލް ސަރވިސްއިން ކުރައްވާ މަސައްކަތްތަކަކީ ވަރަށް މުހިންމު ކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯއާއެކު ފެއްޓެވި މަސައްކަތަކީ ކުރިއަށް ރޭވިފައިހުރި ގިނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ވަރަށް ގިނަ ފަހަރަށް ދިމާވާކަމެއް ޤައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު ދިރިއުޅޭނެ މަގެއް، ބޯހިޔާވަހިކަމުގެ މަގެއް ތަނަވަސްވެފައި ނެތުމުން ދެވަނަ ފަހަރަށް ޖަލުގެ ތެރެއަށް އެނބުރި ދިއުމަށް ފަގުފަހިކޮށްދިއުން. މިޕްރޮގްރާމް ރަނގަޅަށް ހިންގިއްޖެކަމަށް ވާނަމަ އަޅުގަނޑު ޤަބޫލުކުރަނީ މިކޮށާދެވޭ މަގަކީ ދިރިއުޅުން ބައްޓަން ކުރުމަށް ކޮއްދެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް.އަދި ދަސްކުރެވޭ މަސައްކަތުގެ ސަބަބުން އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދާނެ.” މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މިމަސައްކަތަކީ ޖަލުގައިތިބި ޤައިދީން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމެއްކަމަށެވެ.

“މިއެއްބަސްވުމުގެ ސަބަބުން މިހާރު ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ވަށާޖެއްސޭ ނިޒާމެއްގެ ތެރެއަށް ގެނެވި، ދަސްކޮށްދެވޭ ހުނަރުތަކަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ ހުނަރުތަކަކަށް ވާނެކަމަށް އުއްމިދުކުރަން” އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މިއިސްނެގުމަކީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކުރާ ވަރަށް މުހިންމު ޒިންމާއެއްކަމަށެވެ. ސްޓެލްކޯއާއި ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އަނބުރާ މުޖުތަމައުއަށް ނިކުންނަ ޤައިދީންނަށް ފަހި ފުރުޞަތުތައް ލިބޭނެކަމަށް މި ފަރާތްތަކުން ފާހަގަކުރައްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!