ޕެރޯލްގެ ދަށުން ދޫކުރާ ގައިދީންނަށް ސްޓެލްކޯ އިން ވަޒީފާ ދެނީ

ޤައިދީންގެ ތެރެއިން ޕެރޯލް ފުރުސަތު ދެވޭ ޤައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ, ޤައިދީންގެ ތެރެއިން ޕެރޯލް ފުރުސަތު ދެވޭ ޤައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށްޓަކައި އެ ސަރވިސްްއާއި ހޯމް މިނިސްޓްރީއާއި ސްޓެލްކޯއާއެކު ”ފަހި ފުރުސަތު“ ފަހުމުނާމާގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

”ފަހި ފުރުސަތު“ ގެ މަޤުސަދަކީ ޤައިދީން ރީހެބިލިޓޭޓްކޮށް ޕެރޯލް ފުރުސަތުގެ ދަށުން ދޫކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލިވުމަށްޓަކައި އެ ފަދަ ފަރާތްތަކަށް ހުނަރުދަސްކޮށްދީ އެ ހުނަރު ބޭނުންކޮށްގެން ޢާމްދަނީއެއް ލިބޭފަދަ ދިރިއުޅުމެއް މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް ކަރެކްޝަނުން ބުނެއެވެ.

އެ ގޮތުން ސްޓެލްކޯއިން އެ ފަދަ ފަރާތްތައް ތަމްރީނުކޮށް އިންޓަރންޝިޕްގެ ފުރުސަތު ދިނުމަށް އެއްބަސްވެފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ސްޓެލްކޯގެ އެމްޑީގެ އިސްނެންގެވުން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން އިމްރާން ވަނީ ޢާންމުގޮތެެއްގައި ޖަލުން ނިކުންނަ މުޖުތަމަޢުއަށް ނިކުންނަ ފަރާތްތައް އަނބުރާ ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތަކުގެތެރޭގައި އިޤުތިޞާދީ ގޮތުން ކުރިމަތިލާންޖެހޭ ނިކަމެތިކަމާއި އިޖުތިމާޢީގޮތުން ކުރިމަތިލާންޖެހޭ ބަލިމަޑުކަން ހިމެނޭކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު މިއަދުގެ ރަސްމިއްޔާތުގައި ވާހަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މިއަދު ފެށުނު މަސައްކަތުން ޖަލުގައި ތިބޭ ޤައިދީން އަލުން އަނބުރާ މުޖުތަމަޢުއަށް ނެރެ އެ މީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބޭނުން ހިފޭ ބައެއްގެގޮތުގައި ހެދުމަށްޓަކައި ކަރެކްޝަނުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ކަމެއްކަމަށެވެ.

އޭގެ އިތުރުން އަމާޒެއްގެގޮތުގައި އަޙްމަދު މުޙައްމަދުފުޅު ފާހަގަކުރެއްވީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އަލީގައި ޤައިދީންނަށް ދަސްކޮށްދެވޭ ހުނަރުތަކުގެ މައްޗަށް ބިނާކޮށް އެމީހުން އަނބުރާ މުޖުތަމަޢުއަށް ނިކުންނައިރު އެ ހުނަރުތައް ޢަމަލީގޮތުގައި ބޭނުންކޮށް ވަށާޖައްސައި އެ ޤައިދީއަށާއި އެ ޤައިދީގެ ޢާއިލާގެ އިތުރުން މުޖުތަމަޢުއަށް ވެސް އެކަމުގެ ފައިދާކުރުންކަމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!