ބީއެމްއެލް ކާޑު ޕޭޕަލް އަށް ލިންކް ކުރެވޭ ގޮތް އަލުން ހަދައިފި

ކަސްޓަމަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރެވޭ ގޮތް އަލުން ހަދައިފިއެވެ.

ބީއެމްއިލް ބުނީ މިހާރު ވަނީ ހުރިހާ ޕޭޕަލް މާޗަންޓުން އަންބްލޮކް ކޮށްފައި ކަމަށާއި މިހާރު ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލްއާ އަލުން ލިންކް ކުރެވޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެ، މިފަދަ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން ބީއެމްއެލް އިން ވަނީ ބައެއް ޕޭޕަލް މަރޗަންޓުން ބްލޮކް ކޮށްފައެވެ.

އެހެން ނަމަވެސް، ކުރިޔަށް އޮތްތާގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މާޗަންޓުން ބްލޮކް ކުރަން ޖެހޭ ހާލަތްތަކުގައި އެފަދަ ކަންތައްތައްވެސް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަކުރުމަށާއި ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީ ސެކިޔޯ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއްކަން އެ ކުންފުނިން ބުނެ އެވެ. އަދި ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ. އެގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، އެ މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!