ދުނިޔެ ހޫނުވުން 1.5 ޑިގްރީއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭ: މިނިސްޓަރ ޝަހިދު

މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ގައުމަކަންވެސް ގައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ. ޝާހިދު ވިދާޅުވީ، ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ގްލާސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މި އޮތް ބާރުމިނުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ޝާހިދު މިހެން ވިދާޅުވީ، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ކުރިއަށް ދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑާސް އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިހާރަށް ވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ގައުމަކަށް ވެސް ލިބިގެން ކަމުގައެވެ. ހަމައެއާއެކު މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރު ކުރާނެ ކުދި ގައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް މިނިސްޓަރު ޝާހިދުގެ ވާހަކާގައި ފާހަގަ ކުރައްވާފައިވެއެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެން އައީ ރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވި އދގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް 48 ގައުމުގެ އަޑު އުފުލައި ބައިނަލްއަގްވާމީ ދުނިޔޭގައި ގުގުމާލަދޭ ތަފާތު ފޯރަމެއްގެ ގޮތުގައި ސީވީއެފް ފާހަގަކުރެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!