ވަކި ފަރުދަކަށްޓަކައި މުޅި ރަށް ނުވަތަ މުޖްތަމައެއް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ނުދާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއީއޯސީގެ އަތޮޅުތަކުގެ ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ އަތޮޅު ތެރޭގައި ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަ ކުރެވޭ ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭނާ ވިދާޅުވި އެއާއެކު ފުރަބަންދަށް ދާ ފަރާތްތަކުން ދަތުރުކުރާ އިރު އުސޫލުތަކާއި އެއްގޮތަށް ދަތުރުކުރުމަށާއި، ފުރަބަންދަށް ގޮސް ގޭގައި މަޑުކުރާ އިރު އެ ގޭގައި ކެއިންބުއިމުގެ އިންތިޒާމާއި އަދި އާއިލާގެ އެހެން މީހުންނާއި އެކީގައި ބައްދަލުނުވާނެ ފަދައިން ފުރަބަންދުގެ މަގުސަދު ހާސިލުވާނެ ފަދައިން އެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.
މައުރޫފް ވިދާޅުވީ މާލެއިން ފުރަބަންދަށް ދާ ފަރަތްތަކުން ބަލީގެ އަލަމާތްތައް ފެންނަނަމަ އެ ރަށެއްގައި ގާއިމްކޮށްފައިވާ ފޯކަލް ޕޮއިންޓާއި ކޮމިއުނިކޭޓް ކުރުމަށެވެ.
ފަހަކަށް އައިސް އަތޮޅު ތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ބުދަ ދުވަހާ ހަމައަށް އަތޮޅުތެރެއިން 125 ކޭސް އެކްޓިވް ކޭސްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެކްޓިވް ކޭސް ފެނިފައިވާ 21 ރަށް ހިމެނޭ އިރު މީގެ ތެރޭގައި ނިސްބަތުން ދިވެހިންގެ އަދަދު ގިނައެވެ.