ޚަރަދުތައް ހަމަޖެއްސުމަށް 15 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވޭ: މިނިސްޓަރު އަމީރު

ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީގެ އިތުރުން 15 ބިލިއަނެއްހާ ރުފިޔާ ބޭނުންވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ހުށަހެޅި ބަޖެޓުގެ އަންދާޒާތައް ކޯވިޑް-19އާ ގުޅިގެން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ލިބޭނެކަމަށް އަންދާޒާކުރިނަމަވެސް، މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާލަތުގައިވެސް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

” މިިދަނީ ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އަސާސީ ޙިދުމަތްތަކެއް ދެމުން، ސަރުކާރެއްގެގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން މިދަނީ، އޭގެތެރޭގައި ފާހަގަކޮށްލަންބޭނުންވޭ، އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި، ޕްރޮޖެކްޓުތަކަށް ދައްކަން ޖެހޭ ފައިސާވެސް ދައްކަމުން، އިންކަމް ސަޕޯޓު އެލަވަންސްވެސް ދެމުން މިދަނީ،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ކޯވިޑް-19 ރާއްޖޭގައި ކޮންޓުރޯލްވެފައިވާ މިންވަރު މިހާރު މި ފެންނަނީ ހެލްތު ކެއަރ ކެޕޭސިޓީއަށް ރާއްޖެއިން ކޮށްފައިވާ އިންވެސްޓްމަންޓުތަކުގެ ސަބަބުން ކަމަށެވެ.

” ކުރިން ރާއްޖެއިން ސާމްޕަލްތައް ފޮނުވަމުން ދިޔައީ އިންޑިއާގެ ޕޫނޭއަށް، މިހާރު ރާއްޖޭގައި ގާތްގަނޑަކަށް 5000 ޓެސްޓު ކުރުމުގެ ގާބިލްކަން އެބަހުރި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކޯވިޑް ފެސިލިޓީތައް އެބަހުރި، ވަރަށް ރަނގަޅަށް މެނޭޖުކުރަމުން މިދަނީ،” މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!