ޤައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމަށް މަޖިލީހަށް ބިލެއް ހުށައަޅައިފި

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމުކުރުމެވެ.

މީގެ އިތުރުން ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ސިސްޓަމްތައް ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި، ސިސްޓަމްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި ގުޅޭ ކަންކަމުގެ އިތުރުން ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ސިސްޓަމްގެ ޚިދުމަތްތަކާގުޅޭ ކަންކަމާއި، ޤާނޫނާ ގަވާއިދާ ޚިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައްވެސް ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގައި ބަޔާންކޮށްފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު، ދެން ކުރިއަށްދާނީ މި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއެެވެ. އެއަށްފަހު މި ބިލު ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވޭނެއެވެ. ކޮމިޓީން މި ބިލު ދިރާސާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލުމަށްފަހު ބިލު ފާސްކުރުމާއި މެދު ވޯޓެއް ނެގޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!