ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހުކުމްކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް އަމުރުއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ބާޠިލުކޮށް އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިމައްސަލައިގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން އަމުރުކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ 8 އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭ ކަމަށެވެ.

މި މައްސަލައިގެ ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ ފުލުހުން 13 ޑިސެމްބަރުގައި ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން އެދުނު ސަބަބެއްކަމަށް އެދިފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ރައިސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާއިން މާލީ މަންފާއެއް ހޯދުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީއާއި ދައުލަތައް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުޞަތު އޮތްކަމަށް ފުލުހުންގެ ތަޙްޤީޤަށް ފެންނާތީކަމަށެވެ.

އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތްކަން ފުލުހުން ބަޔާންކޮށްފައި ނުވާކަމަށާ އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ނުފެންނަކަމަށް ހުސްނުއްސުޢޫދު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!