އެންމެ ރޮމޭންޓިކް މަންޒިލުގެ އެވޯޑް ރާއްޖެއަށް ލިބިއްޖެ

ސްމާޓް ޓްރެވަލް އޭޝިއާއިން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ “ބެސްޓް އޮފް ދަ ޑިކޭޑް އެވޯޑްސް” އިން އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑް ރާއްޖެ އަށް ލިބިއްޖެ އެވެ.

ސްމާޓް ޓްރެވަލް އޭޝިއާ ގެ “ބެސްޓް އިން ޓްރެވަލް ޕޯލް” އަކީ 2005 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި މާކެޓް ރިސާޗްގެ މަސައްކަތް ކުރުމަށް ފަހު ދެވޭ އެވޯޑެކެވެ. މި ޕޯލް އަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކީ އެއާލައިންތަކާއި އެއާޕޯޓްތަކާއި ފަތުރުވެރިންގެ އެކި މަންޒިލްތަކުގެ އިތުރުން ހޮޓަލްތައް ވެސް ހިމަނައިގެން ކުރިއަށްގެންދާ ޕޯލް އެކެވެ. 

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިންގެ ދަތުރުތައް މަޑުޖެހުމުގެ ސަބަބުން ސްމާޓް ޓްރެވަލް އޭޝިއާއިން ނިންމީ އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ އެވޯޑުތައް ތަފާތު ގޮތަކަށް ދިނުމަށެވެ. އެގޮތުން 2010 އިން 2019 ގެ އަހަރުތަކުގައި ހިންގުނު ޕޯލްތަކުގެ ތެރެއިން މާކްސް އާއި ރޭންކިން އަށް ބެލުމުގެ އިތުރުން ކިޔުންތެރިންގެ ކޮމެންޓްތަކާއި ފޯކަސް ގްރޫޕްތަކުގެ ހިޔާލާއި އަދި ނޫސްވެރިންގެ ހިޔާލު ވަނީ މި އަހަރުގެ އެވޯޑު ދިނުމުގައި ބަލާފަ އެވެ. 

މީގެ ސަބަބުން އިތުރު ކެޓަގަރީތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން ރޮމޭންސް، އެޑްވެންޗަ، ރޫމްސް، ހޮޓެލްސް އަދި ކޮމެންޑޭޝަން ލިސްޓަކީ މުޅިން އަލަށް މި އެވޯޑަށް އިތުރުރުކުރެވުނު ކެޓަގަރީތަކެވެ. 

ކުރީ އަހަރުތަކުގައި ބައެއް ކެޓަގަރީތަކުން 25 ފަރާތްތައް ހޮވާފައި ވާއިރު މި ފަހަރު ވަނީ ލިސްޓް ކުރު ކުރެވި ބައެއް ކެޓަގަރީތަކުން އެންމެ ގިނަވެގެން 10 ފަރާތް ހޮވާފަ އެވެ. 

މިއީ އޭޖް ކެޓަގަރީ އަދި ދަތުރުކުރުމުގައި އަންނަ ބަދަލުތަކުގެ އިތުރުން ހޮޓަލްތަކުން މިހާރު ފޯރުކޮށްދޭ ހިދުމަތްތަކަށް ބަލައިގެން ގެނެވުނު ބަދަލުތަކެކެވެ. 

މޯސްޓް ރޮމޭންޓިކް އެސްކޭޕް އެވޯޑްގެ އިތުރުން ވެސް ރާއްޖެ ވަނީ އެހެން އެވޯޑްތަކެއް ހާސިލް ކޮށްފަ އެވެ. މި އެވޯޑް ތަކަކީ: 

  • ބެސްޓް ސްޕާ ހޮޓެލްސް އިން ތިންވަނަ – ކޮންރެޑް މޯލްޑިވްސް، ރަންގަލި އައިލެންޑް 
  • ބެސްޓް ލަގްޒަރީ ހޮޓެލްސް (އޭޝިއާ) އިން ހަތަރުވަނަ – ޗެވަލް ބްލެންކް ރަންދެލި، މޯލްޑިވްސް 
  • ޓޮޕް ރޫމްސް ވިތް އަ ވިއު އިން ހަތަރުވަނަ – ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
  • ބެސްޓް ނިއު ހޮޓެލްސް (2017-2019) އިން ނުވަވަނަ – ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

ރާއްޖެއިން މި އެވޯޑްތައް ހާސިލް ކުރި ފަރާތްތަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވަނީ މަރުހަބާ ކިޔާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!