ރާއްޖެ އިޝްތިހާރު ކުރަން އިންޑިއާގެ ފަސް ނޫސްވެރިން އަތުވެއްޖެ

ކޮވިޑް-19 އާ ގުޅިގެން ހީނަރުވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ސިލްސިލާ ފެމިލިއަރައިޒޭޝަން ދަތުރުތައް އަލުން ފެށުމާއެކު އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެމްޕީއާރްސީން މީގެ ކުރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން މިފަދަ ދަތުރުތައް ބާއްވަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު މިފަދަ ދަތުރެއް ބާއްވާފައެއް ނުވެ އެވެ.

އަލުން ފެމިލިއަރައިޒޭޝަން ދަތުރުތައް ފެށިއިރު، މިކަން ކުރިއަށް ގެންދާނީ ރާއްޖެ އިޝްތިހާރު ކުރަން ފަށާފައިވާ “ރީޑިސްކަވާ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް” ޝިއާރުގެ ދަށުންނެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖެ އިޝްތިހާރު ކުރުމަށް މިފަދަ ދަތުރުތައް ބޭއްވުމުގެ މަގްސަދަކީ އަލުން ދަތުރުފަތުރު ފަށާ، ފަތުރުވެރިކަން ހިނގައިގަތުމާއެކު އެންމެ ރައްކާތެރި އެއް މަންޒިލަށް ރާއްޖެވާ ސަބަބު އަންގައިދިނުން ކަމަށެވެ.

އެގޮތުން ފުރަތަމަ ދަތުރުގައި އިންޑިއާގެ ފަސް ނޫސްވެރިންގެ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. އެ ނޫސްވެރިން ރާއްޖޭގައި ކުރާ ތަޖުރިބާތަކުގެ ވާހަކަ އިންޑިއާގެ މަގްބޫލު ނޫސްތަކުގައި ޝާއިއު ކުރާނެ އެވެ.

އޭގެ ތެރޭގައި ދި ޕައިނިޔާ، ޓައިމްސް ޓްރެވަލް، ހިންދުސްތާން ޓްރެވަލްސް އަދި ކޮންޑެނާސްޓް އިންޑިއާ ހިމެނެ އެވެ. 

އެ ޓީމުން ރާއްޖޭގައި ހަ ދުވަހުގެ ދަތުރު ހޭދަ ކުރާނީ ކަނޑިންމަ މޯލްޑިވްސް އަދި ހެރިޓަންސް އާ ރަށުގައި ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އެ ދެ ރިސޯޓުގައި މި ނޫސްވެރިން ކުރާ ތަޖުރިބާގެ ވާހަކަތައް ނޫސްތަކުގައި ލިޔާނެ އެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމަކީ އިންޑިއާ ކަމަށް ވާއިރު، އެ އަދަދު އަދިވެސް އިތުރު ކުރުމަށް އެމްއެމްޕީއާރްސީން ދަނީ މެދުކެނޑުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!