300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުން އަތުލާފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލާ ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ދޫނިދޫގައި މިއަދު ނައްތާލައިފި އެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެމަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ. ބަރުދަނަކީ 324.05 ކިލޯ އެވެ.

އޭގެ ގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމްޑީއެމްއޭ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!