ފްލޮއިޑް މަރާލި ކަމުގެ ކުށުގެ ދައުވާ ލިބޭ ފުލުސް އޮފިސަރު މިނިވަންކޮށްފި

އެއްވެސް ކަހަލަ ހަތިޔާރަކާ ނުލާ ހުރި އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް މަރާލި ކަމުގެ ކުށުގެ ދައުވާ ލިބޭ ކުރީގެ ފުލުސް އޮފިސަރު، ޑެރެކް ޗޯވިން، 1 މިލިއަން ޑޮލަރުގެ ކަފާލާތަށް، ޖަލު ބަންދުން މިނިވަންކޮށްފިއެވެ.

ޖަލު ބަންދުން ޗޯވިން ދޫކޮށްލާފައި ވަނީ ރޭ މެންދަމާ ގާތްވެފައި ވަނިކޮށެވެ.

ޑެރެކް ޗޯވިންއަކީ މެއި 25 ވަނަ ދުވަހު އެމެރިކާގައި ހިނގާދިޔަ ހާދިސާގައި، ފްލޮއިޑް ބިންމަތީގައި ބާއްވައިގެން އޭނާގެ ކަރު މައްޗަށް ކުޑަކަކޫ ޖަހައިގެން ތިރިވެއިން ފުލުސް އޮފިސަރެވެ.

މި ހާދިސާއަށް ފަހު ޗޯވިން ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އޭނާއާ ދެކޮޅަށް އުފުލާފައި ވާއިރު، ޝަރީއަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހު ކަމަށް ޚަބަރު ލިބެއެވެ.

ލާއިންސާނީ ޖަރީމާ ހިންގުމުގައި ޗޯވިންއާއި ބައިވެރިވި އަނެއް 3 އޮފިސަރުންވެސް މިހާރު ވަނީ ކަފާލާތުގެ ދަށުން ޖަލު ބަންދުން މިނިވަންކޮށްފައެވެ. އެމީހުންގެ ޝަރީއަތްވެސް އޮންނާނީ މާޗް މަހު ކަމަށް ޚަބަރު ލިބެއެވެ.

މެއި މަހުގެ ފަހުކޮޅުން ފެށިގެން ޗޯވިން ހައްޔަރު ކޮށްފައި ހުރީ މިނެސޯޓާގެ އޯކް ޕާކް ހައިޓްސްގެ މެކްސިމަމް-ސެކިއުރިޓީ ޖަލެއްގައެވެ.

ޝަރުތުތަކަކާއެކު 1 މިލިއަން ޑޮލަރުގެ ކަފާލާތުގެ ދަށުން ޗޯވިންއަށް ޖަލު ބަންދުން ނިކުމެވޭނެ ކަމަށް ފަނޑިޔާރަކު ކަނޑައެޅުއްވީ މިއަހަރުގެ ޖޫން މަހުއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!