ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީ ތެރޭގައި ދަނީ ހިނގަމުން: ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކަންކަން އެމްޑީޕީ ތެރެއިން ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ވިދާޅުވީ މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތެރެއިން ކުރިއަށްނުދާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން އެކަން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތްކަމަށް 10 މެމްބަރުން ސޮއިކޮށްފައި ހުށަހެޅީމާ މަޖިލީހުގެ ތަޅުމުގައި އެކަން އިންތިޒާމްވެގެން ދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ މެމްބަރުންނާ ގުޅޭގޮތުންނާއި އަދި ވަޒީރުންނާ ގުޅޭގޮތުން، ޕާޓީގެ އެތެރޭގައި މަޝްވަރާކޮށް، އެ މަޝްވަރާއާ އެއްގޮތަށް އަބަދުވެސް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އެފަދަ ކަންކަން ދާއިރު، ބަހުސްވެސް ގިނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހަމަކުރަން ފެށީ ރައީސް ނަޝީދުގެ އެންގެވުމަކަށެވެ. އަދި އެކަމުގެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އެމަނިކުފާނެވެ.

ރައީސް ނަޝީދު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރާ ބައެއް ކަންތައްތަކަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، އެމަނިކުފާނު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކި ކުރެއްވުމަށް ވެސް މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާ، އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށް ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!