ފިޔަވަތިން ޕޮޒިޓިވްވި ކުދިންގެ ތެރޭ ހައިރިސްކު ކުއްޖެއް

ފިޔަވަތިން ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގެ ކުއްޖަކު ހިމެނޭތީ އެ ކުއްޖާ ކެއާވޯކަރާއިއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ފިޔަވަތީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މީހާއަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. ޖެންޑާ މިނިސްޓްރީން ބުނީ ޕޮޒިޓިވް ކޭސްއާ ގުޅިގެން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. މި ކުދިންގެ ޓެސްޓް ކުރިއިރު 8 ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގެ ކުއްޖަކު ހިމެނޭތީ އެ ކުއްޖާ ކެއާވޯކަރާއިއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

“އަދި ކުއްޖާގެ ހާލަތު މޮނިޓާ ކުރެވި އެދެވޭ ފަރުވާ ދެމުންދާ ކަމާއި ހާލު ރަނގަޅުކަން ދަންނަވަން. ހަމަ މިއާއި އެކު ޕޮޒިޓިވްވި އެހެނިހެން ކުދިންވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކުރެވިފައި. އަދި މިކުދިންގެ ހާލުވެސް ރަނގަޅުކަމުގަައި ދަންނަވަން،”

ފިޔަވަތި އަކީ ގިނަ ކުދިން އެ ތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރި ތަނެއް ކަމުގައިވުމުން، އެޗްޕީއޭ އަދި އެޗްއީއޯސީ އިން ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިރުޝާދު ދީފައިވާ ކަމަށާ ކަމާއި ގުޅުން ހުރި އިދާރާތަކާއި މޮނިޓަރު ކުރުމުގެ ޒިންމާ އަދާކުރާ އިދާރާތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއާވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!