ސިދާތު ބިގް ބޮސްގެ ގޭގައި ހުރެފައި ބުނި އެއްޗަކަށް ރަޝްމީ ރައްދުދިނީ ޓްވީޓަކުން

ަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ މި އަހަރުގެ ސީޒަނުގައި ސީނިއާ ބައިވެރިއެއްގެ ގޮތުގައި ގޭތެރޭގައި އުޅެމުން އަންނަ ޓީވީ އެކްޓަރު ސިދާތު ޝުކްލާ ބުނި އެއްޗަކަށް، މިދިޔަ ސީޒަނުގައި ސިދާތާ އަރައިރުންވި އެކްޓްރެސް ރަޝްމީ ދެސާއީ ރައްދުދީފިއެވެ.

“ބިގް ބޮސް 14” ގެ އިއްޔެގެ އެޕިސޯޑުގައި، ބައިވެރިޔާ ނިކީ ތަމްބޯލީއަށް އިޝާރާތްކޮށް “މިކަހަލަ އަންހެންކުއްޖެކޭ” ސިދާތު ބުނުމުން ރަޝްމީއަށް އެތަންކޮޅު އަޅައިގަތީ، އެއީ މިދިޔަ ސީޒަނުގައި ސިދާތު ޒުވާބެއްގެ ތެރެއިން ރަޝްމީއާ ދިމާއަށް ބުނި އެއްޗަކަށް ވާތީއެވެ. ރަޝްމީ އޭރު އޭގެ މާނަ ނެގީ، އޭނާއަކީ ފެންވަރު ދަށް އަންހެނެއް ކަމަށް ސިފަކުރުމަށް ސިދާތު ބުނި އެއްޗެއްގެ ގޮތުގައެވެ. އަދި އޭރު އެ މައްސަލަ ބޮޑުވެގެން، ޝޯގެ ހޯސްޓު ސަލްމާން ޚާން ވެސް ވަނީ މި ދެ ބައިވެރިންނަށް ބޮޑު ލެކްޗާއެއް ދީފައެވެ.

ނަމަވެސް މިފަހަރު ނިކީއާ ދިމާއަށް ސިދާތު އެހެން ބުނުމުން ރަޝްމީ އޭގެ މާނަ ނެގީ އަންހެނުންގެ ބާރުވެރި ކަމުގެ ގޮތުގައެވެ. އެގޮތުން އިއްޔެ ކުރި ޓްވީޓެއްގައި 34 އަހަރުގެ ބަތަލާ ބުނީ ދެ ސީޒަނުގައި ވެސް ދެ އަންހެން ބައިވެރިންނާ ދިމާއަށް އެހެން ބުނުމުން އެނގިގެންދަނީ އެހެން މީހުންނަށްވުރެ އަންހެނުން ބާރުވެރިވެފައި ވާ މިންވަރު ކަމަށެވެ.  

ކޮންމެއަކަސް، މި ޓްވީޓާއެކު ރަޝްމީގެ ފޭނުން އަންނަނީ އޭނާއާ އެއްބައިވެ، ތަރުހީބު ދެމުންނެވެ. އަދި ރަޝްމީ ވަރުގެ އަންހެނެއް ބިގް ބޮސް އަށް އަދި ނާންނަ ކަމަށް އެއްބަޔަކު ބުނެފައިވެއެވެ.

ބިގް ބޮސްގެ މިދިޔަ 13 ވަނަ ސީޒަނަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި އެއް ސީޒަނެވެ. އަދި އެ ސީޒަނުގައި ރަޝްމީއާއި ސިދާތުގެ ޒުވާބުތަކާއި ކޯޅުން ވަނީ އޭގެތެރެއިން ގިނަ ބަޔަކަށް ޝައުގުވެރިވި ކަމަކަށް ވެފައެވެ. ނަމަވެސް މިފަހަރުގެ ސީޒަނުގެ ފޯމެޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެހެން ސީޒަނުތަކާ ބަލާފައި މަދު ބައިވެރިންތަކެއް ހިމަނާފައި ވާއިރު، ކުރީ ސީޒަނުން ވިދައިލި ތިން ބައިވެރިއަކު ވަނީ ސީނިއާ ކޮންޓެސްޓެންޓުތަކެއްގެ ގޮތުގައި ގެނެސްފައެވެ. އެއީ ސީޒަން 7 ގެ އެއްވަނަ ގޯހަރް ޚާނާއި، ސީޒަން 11 ގެ ދެވަނަ ހިނާ ޚާން އަދި މިދިޔަ ސީޒަންގެ އެއްވަނަ ސިދާތު ޝުކްލާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!