ސްވަރާ ނުސީދާކޮށް މި ބަސް އުކަނީ ކަންގަނާއަށް؟

ޖޫންމަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަކީ ޤަތުލެއް ނޫންކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައީމްސް) އިން ނިންމުމާއެކު، ބަތަލާ ސްވަރާ ބާސްކަރް ނުސީދާކޮށް ކަންގަނާ ރަނައުތަށް “މަލާމާތް” ކޮށްފިއެވެ.

ސްވަރާ އެ ޓުވީޓު ކުރި ސަބަބަކީ، ކަންގަނާ ރަނައުތަކީ ފެށުނީއްސުރެ ސުޝާންތުގެ މަރާމެދު ޝައްކުކޮށް، ސުޝާންތު ވަނީ މަރާލެވިފައި ކަމަށް ބުނަމުން އައުމެވެ. އަދި އެއް އިންޓަވިއުއެއްގައި ކަންގަނާ ބުނީ އޭނާގެ ވާހަކަތައް ސާބިތުކޮށް ނުދެވިއްޖެނަމަ އޭނާއަށް ލިބިފައިވާ ޤައުމީ އެވޯޑު (ޕަދްމާ ޝްރީ އެވޯޑު) ވެސް އަނބުރާ ރައްދުކުރާނެ ކަމަށެވެ. މިކަމަށް އިޝާރާތްކޮށް ސްވަރާ މިއަދު ޓުވީޓުކުރަމުން ބުނީ މިހާރު ސީބީއައި އާއި އައީމްސް އިންވެސް ސުޝާންތުގެ މަރަކީ ސޫސައިޑެއް ކަމަށް ނިންމައިފި ކަމަށާއި، ޤައުމީ އެވޯޑުތައް ރައްދުކުރަން ބުނި މީހުން ކޮބައިތޯއެވެ.

ސްވަރާގެ މި ޓުވީޓަށް އަދި ކަންގަނާ ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް ކަންގަނާއަކީ އޭނާއާ ދެކޮޅަށް ކިރިޔާވެސް މީހަކު އެއްޗެއް ބުނެފި ނަމަ އެއަށް ހައެތި ބުނެލާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަރިއެކެވެ. އެގޮތުން ކަންގަނާ މިހާތަނަށް ވެސް އައީ ބޮލީވުޑްގެ އެކި ފަންނާނުންނާ ދެކޮޅަށް ފާޅުގައި ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!