ދަނޑުވެރިކަން ކުރަން 21 އަހަރުގެ މުއްދަތަށް 7 ފަޅުރަށެއް ބީލަމަށް ދޫކުރަން ނިންމައިފި

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 7 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖައްސައިިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ކުރި އިއުލާންގައި ބުނީ، އެ ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށެވެ. މީގެއިތުރުން، ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައްވެސް އިތުރުކުރުމަކީ އެ ރަށްރަށް ބީލަމަށް ދިނުމަށް ނިންމި މަގްސަދެއް ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ބީލަމަށް ދޫކުރަން ހަމަޖެހިފައިވާ 7 ފަޅުރަށާކީ، ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ، ޅ ޅޮއްސަލަފުށި އަދި ގއ. އޮއިނިގިއްލާއެވެ. މި ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ތިން ތަށަކީ ނެޔޮއާއި މާއްޑޫ އަދި ޅޮއްސަލަ ފުއްޓެވެ. ނެޔޮ ގެ ބޮޑުމިނަކީ 20.6 ހެކްޓަރެވެ. މާއްޑޫއަކީ 26.6 ހެކްޓަރު ބޮޑޫ ރަށެކެވެ. އަދި ޅޮއްސަލަފުއްޓަކީ 28.4 ހެކްޓަރު ބޮޑު ރަށެކެވެ.

ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ‘ބީލަން ފޮތް’ ވިއްކުމާއި ‘ބިޑް’ ބަލައިގަތުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ނަމްބަރު 7755335 އަށް މެސެޖުކުރުމަށް އަދި [email protected] އީމޭލް ކުރުމަށް އެ މިނިސްޓްރީން ބުނެއެވެ.

ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށެވެ. މި ދުވަސްތަކުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުން ބީލަން ފޮތް ވިއްކާނެއެވެ.

ބީލަން ފޮތް ގަތުމަށް ރަޖިސްޓްރީ ކުރަން އެދޭނީ އެ މިނިސްޓްރީގެ ނަމްބަރު 7755335 އަށް ޓެކްސްޓް މެސެޖު އަދި [email protected] އީމޭލް މެދުވެރިކޮށެވެ. ބީލަން ފޮތް ގަތުމަށް ރަޖިސްޓާ ވެވޭނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެންނެވެ. ބީލަން ފޮތް ގަތުމަށް ރަޖިސްޓްރީވާން އެދެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ބީލަން ފޮތެއްގެ އަގަކީ 2000 ރުފިޔާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!