ކަފާލާތު ލިބުމާއެކު ރިއާ ގެއަށް، އެކަމަކު ޝަރުތުތައް ގިނަ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ބޮލީވުޑް އެކްޓްރެސް ރިއާ ޗަކްރަބަތީއަށް ކަފާލާތު ދޭން މުމްބާއީ ހައި ކޯޓުން ނިންމުމާއެކު، ރިއާ ގެއަށް ބަދަލުވެއްޖެއެވެ.

28 އަހަރުގެ ބަތަލާ މިއަދު ގެއަށް ބަދަލުވެފައި ވަނީ އެއްމަސް ދުވަސް ޖަލުގައި ހޭދަ ކުރުމަށްފަހުގައެވެ. އަދި ރިއާ ދިރިއުޅޭ ގެ ކައިރިއަށް އޭނާގެ ކާރު މަޑުކުރާތަން ނޫސްވެރިން ވަނީ ފޮޓޯ ނަގައި ވީޑިއޯ ކޮށްފައެވެ.

ރިއާއަށް ކަފާލާތުދޭން ކޯޓުން މިއަދު ނިންމާފައި ވިޔަސް، ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރަބަތީގެ ބަންދުގެ މުއްދަތު ވަނީ ދަމަހައްޓައިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރިއާއަށް ކަފާލާތު ހަމަޖެހުނީ އެއް ލައްކަ ރުފިޔާގެ ބޮންޑެއް ދައްކައިގެނެވެ. އަދި ކަފާލާތުގެ ދަށުން ގެއަށް ބަދަލު ކުރުމުގެ ކުރިން ރިއާ ވަނީ ގިނަ ޝަރުތުތަކަކަށް އެއްބަސް ވެފައި ކަމަށް ބުނެއެވެ.

އޭގެތެރޭގައި، ދޫކޮށްލާ ފުރަތަމަ 10 ދުވަހު ގަވާއިދުން ފުލުސް އޮފީހަށް ހާޒިރުވުމާއި، ޤައުމުން ބޭރަށް ދަތުރު ނުކުރުން ހިމެނެއެވެ. ހަމައެހެންމެ، މުމްބާއީ ދޫކޮށްދާނަމަ ތަހުގީގީ އިދާރާތަކަށް އަންގަން ޖެހޭ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ. ބައެއް ނޫސްތަކުން ބުނަނީ ރިއާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

ރިއާ ޗަކްރަބަތީ ހައްޔަރު ކުރެވުނީ ޖޫންމަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގަށް ހާމަވި މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގައެވެ. އެގޮތުން ރިއާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ މަސްތުވާތަކެތި ގަނެ ރައްކާކުރުމާއި، އޭގެ ބޭނުން ކުރުމެވެ. މީގެތެރެއިން މަސްތުވާތަކެތި އަތުގައި ގެންގުޅުނު ކަމަށް ރިއާ ވަނީ އެއްބަސްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!