ފިޔަވަތިން 13 ޕޮޒިޓިވް ކޭސް

ހުޅުމާލޭގައި ހުންނަ ފިޔަވަތި ސެންޓަރުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމަށާއި މިހާތަނަށް 13 ކޭސްއެއް ފެނިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާލުވެއްޖެއެވެ،

އެންމެ ފުރަތަމަ ކޭސްއެއް ފެނިފައި ވަނީ މި ދިޔަ މަހުގެ 30 ގައިއެވެ. އަދި އެއީ ކުޑަކުދިން ބަލަން މަސައްކަތް ކުރާ މުވައްޒަފެއްކަމަށް ނަޒްލާ ވިދާޅުވިއެވެ. އޭނާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ ބަލީގެ އަލާމްތަތަކެއް ފެނިގެން ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްއާ ގުޅިގެން 54 ކޮންޓެކްޓެއް ދެނެގަނެވި ކަރަންޓީން ކުރެވިުފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެތެރެއިން 19 ސާމްޕަލްއެއް ނެގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ސާމްޕަލް ތަކުގެ ތެރެއިން މި މަހުގެ 4 ވަނަ ދުވަހު އެތަނުގައި ކުދިން ބަލާ މީހަކާއި އެއް ކުޑަކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު ރެންޑަމް ސާމްޕަލްތަކެއް ނެގި ކަމަށާއި ކަރަންޓިންގައި ތިބި ކުދިންގެ ވެސް ސާމްޕަލް ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ކަރަންޓީންގައި ތިބި ކުދިންގެ ތެރެއިން އިއްޔެ 7 ކުއްޖަކާއި ކުދިން ބަލާ 3 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިއަދު އިތުރު ކުދިން ބަލާ އެކަކު ޕޮޒިޓިވްވެފައި ވާ ކަމަށް ނަޒްލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ފިޔަވަތިން ވަނީ ޕޮސިޓިވް ކޭސްތަކެއް ފެނިފަ އެވެ. މިދިޔަ ޖުލައި މަހު، ފިޔަވަތީގެ މުވައްޒަފެއް ޕޮސިޓިވްވުމުން، 11 މުވައްޒިފުން އަދި 21 ކުއްޖަކު ކަރަންޓީނު ކުރި އެވެ. އެހެންނަމަވެސް އިތުރު ކޭސް އެއް ނުފެނެ އެވެ.

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮސިޓިިވްވީ މީހުންގެ އަދަދު ހުރީ 35ގަ އެވެ. ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 32 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށް އެޗްޕީއޭ އިން ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަނެއް ތިން މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 30 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ފަސް ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,656 އަރާފަ އެވެ. މިދިޔަ 24 ގަޑި އިރު ތެރޭ 1،123 ޓެސްޓު ކުރި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!