ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭ.އެސް.ސީން ނިންމައިފި

ރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބޭއްވި މިއަހަރުގެ 73 ވަނަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ޖޭ.އެސް.ސީން ތަޙްޤީޤުކުރި މައްސަލައަކާ ގުޅިގެން އޭނާގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފަށް އޭނާ ކޮށްފައިވާ ޢަމަލުތަކެއްކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން، ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ޖޭ.އެސް.ސީން ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުޚުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖަޢާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުން ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި، އެކި ތާރީޚުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައިއާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައިނުވާކަން ޖޭ.އެސް.ސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ޅ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ކޯޓު އަމުރު ހައިކޯޓުގެ ޤަޟިއްޔާއިން 17 އޭޕްރީލް 2019 ދުވަހު ބާޠިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލަސްވެގެން 5 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން 5 ދުވަހުގެ ތެރޭގައި މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅިކަމުގައި ވީނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖަޢާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން ޖޭ.އެސް.ސީގެ ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ޢަމަލުނުކުރާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމާއި، އެންމެފަހުން ޤާޟީ އިބްރާހީމް ޢަލީ އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން 10 ޖޫން 2009 ގައިކަމަށެވެ. އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީމަރުޙަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ޙާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ޙުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް ޖޭ.އެސް.ސީގެ ތަޙްޤީޤަށްވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައިގެ، ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުޢީދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ވ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެދަށުން، އެމައްސަލަ ބެލި ތަޙްޤީޤު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!