ވެރިންގެ އަބުރާ ބެހުނަސް، ބަދަލު ހޯދަން ދައުވާއެއް ނުކުރެވޭނެ: ފައްޔާޒް

ދައުލަތުގެ އިސްވެރިންގެ އަބުރާ ބެހުނަސް، ގެއްލުމުގެ ބަދަލު އެ ބޭފުޅަކަށް ނަގައިދެވިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓަކުން ޖުޑީޝަރީ އާއި ގާނޫނު ހަދާއި މަޖިލީހުގެ އިތުރުން މިނިވަން މުވައްސަސާތަކަށް އައްޔަންކުރާ ފަރާތްތަކަށް އަނބުރުގެ ދައުވާކުރުމުގެ ފުރުސަތު ލިބިގެން ނުވާނެ އެވެ. އަދި އެ ފުރުސަތު އޮންނަންވާނީ އާންމު ރައްޔިތުންނަށްކަން ވެސް އެ ޓްވީޓުގައި ފާހަގަކުރައްވަ އެވެ. 

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ ވޯޓަކުން އައްޔަންކުރައްވާފައިވާ ފަރާތްތަކަށް ވެސް އަނބުރާ ބެހިއްޖެނަމަ، މައާފަށް އެދެން ނުވަތަ ކުށެއް ރަނގަޅުކުރުމަށް އެދި ހުށަހެޅޭނެ ގޮތް އޮންނަން ޖެހޭ ކަމަށެވެ.މިނިސްޓަރު ފައްޔާޒު އެގޮތަށް ޓްވީޓް ކުރެއްވިއިރު ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ދައުރުގައި ހުށަހެޅުމަށް ނިންމާފައިވާ 28 ބިލެއްގެ މައުލޫމާތު އޭޖީ އޮފީހުން މީޑިއާތަކާ ހިއްސާކޮށްފައިވާއިރު އޭގެ ތެރޭގައި “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު” ހިމެނެ އެވެ. 

ފައްޔާޒް އެފަދައިން ވިދާޅުވެފައި ވާއިރު، އަބުރާބެހުމުގެ ބިލަކާއެކު ޖުމްލަ 28 ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހަޅުމަށް ވަނީ ހަމަޖެހިފައެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، އާއްމު ގާނޫނުތަކުގެ ތެރޭގައި ހިމެނިގެން މިހާރުވެސް އަމަލުކުރަމުން ދާ ގަވާއިދަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށާއި އެބިލު ގާނޫނަކަށް ވެގެން އަންނައިރުވެސް، އަބުރާ ބެހުމުގެ ކުށް ހިމަނާފައި އޮންނާނީ، މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ.

އަބުރާ ބެހުމުގެ އެ ބިލަކީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި މީޑިއާތައް ޖޫރިމަނާ ކުރުމަށް ބޭނުންކުރި، އަދި މިސަރުކާރުން އުވާލި، އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ މުޅިން ތަފާތު ބިލެއް ކަމަށާއި ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!