ކަރަންޓީން ވާންޖެހޭ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ވާންޖެހޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދޭގޮތަށް ހަމަޖައްސައިފި އެވެ.

އިއްޔެ އާއްމުކުރި “އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ ގަވާއިދު 2020 ” ބުނާގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެ ޗުއްޓީ ހަމަޖައްސައިދެވޭނީ، ކަރަންޓީނުގައި ހުންނަންޖެހޭ ހާލަތުގަޔާއި، ދަތުރުފަތުރާއި ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށާއި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށެވެ.

އަދި މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ، އެ އާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ހަވާލުވެފައިވާ ފަރާތެއް ނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ނަމަ، އޭނާގެ އާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ގަވާއިދުގައިވެ އެވެ. 

އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޗުއްޓީ ހަމަޖެހޭ މުވައްޒަފުންނަށް، އަހަރީ ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ލިބޭ ފަދައިން، މުސާރައާއި އިނާޔަތްތައް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. 

ޗުއްޓީގައި މުސާރައާއި އިނާޔަތްތައް ދިނުމާއި، މުއްދަތު ގުނަންވާނީ، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދޫކުރާ ލިޔުން ނުވަތަ ސިއްހީ ފަރުވާދޭ ތަނެއްގައި ކޮވިޑް-19 އަށް ފަރުވާ ހޯދިކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ކަމަށް ގަވާއިދުގައިވެއެވެ. އޭގެ އިތުރުން ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން، އެއް ބާވަތުގެ ޗުއްޓީއަށް ވުރެ ގިނަ ބާވަތުގެ ޗުއްޓީއެއް މުވައްޒަފަށް ހައްގުވާ ނަމަ، އެ ހުރިހާ ޗުއްޓީއެއްވެސް ދޭންވާނެކަމަށާއި ޗުއްޓީތައް ދޭންވާނީ، ވަޒީފާއާބެހޭ ގާނޫނުގައި މުވައްޒަފަށް ހައްގުވާ އެއްވެސް ޗުއްޓީއަކުން އުނި ނުވާގޮތަށް، އޭގެ އިތުރުން ދެވޭ ހާއްސަ ޗުއްޓީއެއްގެ ގޮތުގަކަމަށް ގަވާއިދުގައި ވެއެވެ. 

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގައި މުވައްޒަފުން ތިބެންވާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ޗުއްޓީގައި މުވައްޒަފު ހުރިކަން ފޯނުގެ ޒަރީއާއިން ނުވަތަ އެސްއެމްއެސް ނުވަތަ އީ-މެއިލް ފަދަ ޒަރީއާއަކުން އެކަން އެންގުމަށްފަހުގައެވެ. އަދި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ހަމަޖައްސައިދޭންވާނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއިން ދޫކުރާ ލިޔުމެއް، މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ހުށަހެޅުމުންކަމަށް ގަވާއިދުގައިވެއެވެ.

އަދި އެ އިދާރާއިން އެ އިންތިޒާމުތައް މުވައްޒަފަށް ފަސޭހައިން ހުށަހެޅޭނެ ގޮތެއްގެ މަތިން ހަމަޖައްސާދީފައި ހުންނަންޖެހޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީ ހަމަޖެހޭނީ، މުވައްޒަފުގެ އާއިލާގެ މެންބަރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމާއި، އޭނާ އެ ބައްޔަށް ފަރުވާ ހޯދުމަށް ގޭގައި ނުވަތަ އެނޫން ތަނެއްގައި މަޑުކުރަން ޖެހޭކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދޫކުރާ ލިޔުމެއް، މުވައްޒަފު އިދާރާއަށް ހުށަހެޅުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!