ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމުގައި ގެންގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޤަވާޢިދުތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރައްވައިފިއެވެ.

އެމަނިކުފާނު މިމަޝްވަރާތައް ބާއްވަވަވާފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސް ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފިހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ޙިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މިމަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިސެބިލިޓީ ޑިވިޜަންގެ ފަރާތުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި ޙިމާޔަތްކުރުމަށް އެ ޑިވިޜަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އަދި މިމަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމުގައި ގެންގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޤަވާޢިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި، ކޯވިޑް-19އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ ޢާއިލާތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އަދި މުޖުތަމަޢުގައި އެ މީހުންނަށް ފަސޭހައިން ދިރިއުޅޭވޭނެ ގޮތް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!