މަސްވެރިންނަށް 8.4 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް އެލަވަންސް ދީފި

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި މުސާރައާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދެމުންގެންދާ އިންކަމް ސަޕޯޓު އެލެވެންސްގެ ދަށުން މަސްވެރިންނަށް މިހާތަނަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ މިދިއަ މެއި މަހުން ފެށިގެން އިންކަމް ސަޕޯޓް އެލަވަންސަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންވެސް ހިމެނޭ ކަމަށެވެ.

މިގޮތުން، މިހާތަނަށް އައިއިރު މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 8.4 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ވެސް މި ސަރުކާރު ހަވާލުވިއިރު މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ފައިސާ ނުދައްކާ މަސް ދެމަސް ވަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު މި ސަރުކާރުން އެ މުއްދަތު ކުޑަކުރަމުން އައިސް މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނެ ހިސާބަށް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ރިލީފް ޕެޖޭކްގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ކޮވިޑްގެ ސަބަބުން ބޮޑު ކަންނެލީގެ އަގު ދަށަށް ގޮސްފައިވާތީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށަށް ނުގޮސް ހިފެހެއްޓުމަށް އެސްޑީއެފްސީ މެދުވެރިކޮށް ބޮޑު ކަންނެލި ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް 100 މިލިއަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ވަނީ ހުޅުވާލެވިފައި،” އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑުގެ ދަތިކަމުން އަރައިގަނެ، ޓޫރިޒަމަށް ބަރޯސާނުވާ އިގުތިސޯދެއް ބިނާކުރުމުގައި މަސްވެރިކަން ތަރައްގީ ކުރުމަށް އެންމެ މުހިއްމުކަމަކީ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!