ފޮޓޯ: ރާއްޖެއެމްވީ

ރައީސް ޔާމިނު ދަޢުލަތައް ދައްކަވަންޖެހޭ ފައިސާ އަދިވެސް ނުދައްކަވާ: މިނިސްޓަރު އަމީރު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދަޢުލަތަށް ދައްކަވަންޖެހޭ ފަސް މިލިއަން ޑޮލަރު އަދިވެސް ދަޢުލަތައް ދައްކަވާފައިނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ރާއީ އެއްސެވީ، ރައީސް ޔާމީން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ މިހާރު ދައްކަވާފައި ވޭތޯއެވެ.

ޖަވާބުގައި އަމީރު ވިދާޅުވީ، އެ ފައިސާ ދައްކަފައިވާ ކަމުގެ މައުލޫމާތެއް ލިބވަޑައިގެންފައި ނުވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ހުކުމްކުރި ނަމަވެސް، އެ މުއްދަތުގައި ފައިސާ ދައްކާފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!