ރާއްޖެ ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެތް: މިނިސްޓަރ އަމީރު

ކުރީގެ ސަރުކާރުގައި ޤާއިމްކޮށްފައިވާކަމަށް ބުނާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށާއި، އެ އެއްބަސްވުންވެސް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ނުލިބެނީ ކީއްވެތޯ ފިނޭންސް މިނިސްޓަރާއި ސުވާލުކު ދަންނަވާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރީ ސަރުކާރުން ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ހިނގާނީ އެއެއްބަސްވުމާއި ގުޅޭ ޤާނޫނުތަކެއް މަޖިލީހުން ފާސްކޮށްގެންކަމަށެވެ. އަދި އެއްބަސްވުމުން މަސްވެރިންނަށްވެސް ފައިދާއެއް ނުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ 165 ވަނަ މާއްދާގެ ދަށުން ޗައިނާގެ ފްރީޓްރޭޑް އެގްރިމަންޓަށް އަމަލު ކުރެވެން އަންނަނީ ދެ ގައުމުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ފަރާތަކުން އަދި އަދި އެކަންކަން ފުރިހަމަކޮށްފައި ނުވާތީ “ޗައިނާ-ރާއްޖެއާ ދެމެދު ފްރީޓްރޭޓް އެގްރިމަންޓެއް ނެތް” ކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ފެންނަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ފެންނަން ނެތްކަމަށާއި، އޭގެ ތަފްސީލް ހޯއްދަވަމުން އަންނަކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!