ޖާބިރު ކޯފާ އިސްކުރައްވާ ތަޅުމުން ބޭރަށް ވަޑައިގެންފި

މިއަދު މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކޮށް، ސުވާލު ކުރެއްވުމުން، ލިބިވަޑައިގެންނެވި ޖަވާބަށް ހިތްހަމަޖެހިވަޑައި ނުގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާ، ތަޅުން ދޫކޮށް ވަޑައިގެންފިއެވެ.

ޖާބިރު ރުޅި އިސްކުރެއްވީ، ދިވެހި ސަރުކާރުން ޗައިނާ އާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓެއް ނެތް ކަމަށް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމުންނެވެ. 

އެގޮތުން ޖާބިރު ވަނީ، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ހީނަރުކަން ފޯރާފައިވާ މި ދަނޑިވަޅުގައި މަސްވެރި އާއިލާތައް ބިކަވަމުން ދާއިރު، ޗައިނާ އާއެކު ހަދާފައިވާ އެފްޓީއޭގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ދައުލަތުގެ ދަރަނިތައް ބޮޑުކޮށް ދައުލަތުން އެލަވަންސް ދިނުން ހައްގުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރި އާއިލާތަކަށް އެލަވަންސް ނުދެނީ ކީއްވެތޯ އައްސަވާފަ އެވެ. 

ޗައިނާ އާއެކު ހަދާފައިވާ އެފްޓީއޭ ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ، ޖާބިރުގެ ސުވާލުތަކަށް މިނިސްޓަރު އަމީރު ޖަވާބުދެއްވި ފަހުންނެވެ. އެ ބޭފުޅުން ވެސް ފާހަގަ ކުރެއްވީ ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް ނެތް ކަމަށެވެ. އެހެން ކަމުން، ޖާބިރު ހިތްހަމަޖެހިވަޑައި ނުގެން މަޖިލިސް ތަޅުން ދޫކޮށް ވަޑައިގެންނެވީއެވެ.

ޖާބިރު މަޖިލިސް ތަޅުން ދޫކޮށް ނިކުމެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އަލުން އަނބުރާ ތަޅުމަށް ވަޑައިގެން މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ޖާބިރު އަރިހުން އެދިވަޑައިގެންފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!