އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން: ރައީސް ނަޝީދު

ދިވެހި ސަރުކާރާއި ގުޅުމެއް ނެތް ކަމަށާއި، ހުންނެވީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖެއިން ބޭރުން ވަޑައިގެން ކަރަންޓީނުގައި ހުންނެވުމަށްފަހު 14 ދުވަސް ހަމަވުމުން މިއަދު މަޖިލިސް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއާ ޗައިނާއާއި ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅިގެން މީގެ ކުރިން ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދިވެހި ސަރުކާރުގެ ފަރާތުން ދެއްކި ވާހަކައެއް ތޯ މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.

“އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ސަރުކާރާ ގުޅެނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ސަރުކާރެއް މިވަގުތު އޮތީ. އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިވަގުތު އޮތް ސަރުކާރަކީ އެމަނިކުފާނަށް ވާގި ދެއްވާ ސަރުކާރެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!