މި ޓިކްޓޮކާގެ އުމުރު ދިމާކުރަން އެނގޭނެތަ؟

ފޮޓޯއިން އެ ފެންނަ އަންހެން “ކުއްޖަކީ” އެމެރިކާގެ މިސޫރީއަށް ނިސްބަތްވާ ޓިކްޓޮކާއެވެ. ޓްރިސް މަރީ ނަމަކަށް ކިޔާ މި އަންހެނާގެ އުމުރާ ގުޅޭގޮތުން އޭނާއަށް ޓިކްޓޮކްގައި ފޮލޯކުރާ މީހުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓްރިސް އަކީ 20 ގެ އަހަރުތައް ގުނަމުންދާ ޒުވާން އަންހެން ކުއްޖެކެވެ. ނަމަވެސް ޓްރިސް އޭނާގެ އަސްލު އުމުރު ހާމަކޮށް މީގެ ދެމަސް ކުރިން ހިއްސާކުރި ޓިކްޓޮކް ވީޑިއޯއިން ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެވެ.

ޓްރިސް ކިތަންމެ ޒުވާން ހެން ހީވިޔަސް، އޭނާއަކީ 40 އަހަރުގެ އަންހެނެކެވެ. އަދި 18 އަހަރުގެ ދަރިއެއް ހުންނަކަން ވެސް ޓްރިސް ވަނީ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައެވެ. ހަގީގީ އުމުރު ހާމަކުރުމުން ވެސް އެއްބަޔަކަށް އެކަން ގަބޫލުކުރަން ދަތިވެގެން ބުނަނީ ސަމާލުކަން ހޯދަންވެގެން ޓްރިސް ދޮގު ހަދަނީ ކަމަށެވެ. އޭނާގެ އެ ވީޑިއޯ 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ޓްރިސްގެ ޓކްޓޮކް ވީޑިއޯގެ ތެރެއިން

ނަމަވެސް ޓްރިސް އަކީ ހަގީގަތުގައި ވެސް 40 އަހަރުގެ މީހެއްކަމުގެ ޔަގީންކަން އޭނާ ވަނީ ‘ފީމެއިލް’ ނޫހަށް ކިޔައިދީފައެވެ. “މީހުން ކައިރީގަ އަހަރެންގެ އުމުރު ދިމާކުރަން ބުނުމުން އެންމެ ގިނަ މީހުން ބުނަނީ 20 ގެ ފަހުކޮޅުގައި ކަމަށް އަހަރެން މި އުޅެނީ. އަސްލު އުމުރު ބުނީމަ އެންމެވެސް ތިބެނީ ހައިރާންވެފަ. ބައެއް މީހުން ގަބޫލެއް ވެސް ނުކުރޭ”، ޓްރިސް ބުންޏެވެ.

ޓްރިސް ބުނަނީ އޭނާއަކީ އަބަދުވެސް އުމުރަށްވުރެ ހަގުކޮށް ހުރި މީހެއް ކަމަށެވެ. އަދި މުސްކުޅި އުމުރަށް ދިޔުމުން އެކަމުގެ ފައިދާ ފެންނާނެ ކަމަށް ކުޑައިރުވެސް މީހުން ކިޔަމުން އައި ކަމަށާއި، އެތަން މިހާރު ފެންނަމުންދާ ކަމަށް ބުންޏެވެ.

ޒުވާންކަމުގެ ސިއްރެއް ކަމަށް ޓްރިސް ބުނަނީ ހަންގަނޑަށް ރަނގަޅަށް އަޅައިލުމެވެ. އެގޮތުން އޭނާ އަބަދުވެސް ސަންސްކްރީން ބޭނުންކުރާ ކަމަށާއި، ރަލާއި ސިނގިރޭޓާ ކައިރިނުވާ ކަން ހާމަކުރިއެވެ.  “އުމުރުން 21 އަހަރުން ފެށިގެން އެންޓި-އޭޖިންގ ކްރީމް ބޭނުންކުރަން ފަށައިފިން.”

ޓްރިސް ބުނަނީ އޭނާ މިހާތަނަށް އެކި ޕްރޮޑަކްޓު ތަކުގެ އަޖުމަ ބަލާފައި ވާނެ ކަމަށާއި، އެތަނުން އެންމެ ހިތްހަމަޖެހެނީ “ފިލޯސަފީ” ބްރޭންޑުގެ ޕިއުރިޓީ ލައިން ކަމަށެވެ. އަދި އޭތި އުނގުޅުމުން ހަންގަނޑަށް މަޑުކަން ގެނެސްދީ އުޖާލާ ކޮށްދޭކަމަށް ބުންޏެވެ.

“ދެން އަހަރެން ބުނާނީ އަބަދުވެސް އުފާވެފައި ހުރުމަކީ ވަރަށް މުހިއްމު ކަމަކޭ. ސްޓްރެސްއާ ދުރުގަ ހުރުމަކީ ވެސް ޒުވާންކޮށް ހުރުމަށް ވަރަށް މުހިއްމު ކަމެއް. އެގޮތުން ކަމަކާ ދެރަވެ ނުވަތަ ކަންބޮޑުވެފައި ހުންނަ އިރު މަޖާ ފިލްމެއް އެއްޗެއް ބަލައިގެން ވިޔަސް މީހާގެ މޫޑު ހަމައަކަށް އަޅުވަން ވާނެ”، ޓްރިސް ނަސޭހަތް ދިނެވެ.

ޓްރިސް އަކީ ބައެއް ފިލްމުތަކާއި ސީރީޒްތަކުގައި ސަޕޯޓިންގ ރޯލު ކުޅޭ އެކްޓްރެސް އެއް ވެސް މެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!