ޝަބާނާގެ ބަހުގެ ހަމަލާއަށް ރައްދުދިނީ ކަންގަނާގެ ދައްތަ

ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތަކީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާހިތުން އުޅޭ މީހެއް ކަމަށާއި، ފާޑުފާޑުގެ ވާހަކަ ދެއްކުގެ ބަދަލުގައި އެކްޓިން އަށް ސަމާލުކަން ދިނުން މާ ރަނގަޅު ވާނެ ކަމަށްބުނެ ދުވަސްވީ ބަތަލާ ޝަބާނާ އާޒްމީ ދިން ބަހުގެ ހަމަލާއަށް ކަންގަނާގެ ދައްތަ ރަންގޯލީ ޗަންޑެލް ރައްދުދީފިއެވެ.

ރަންގޯލީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ލިޔުންކޮޅުގައި ފުރަތަމަ ބުނީ ޝަބާނާ ނިސްބަތްވަނީ “ސޫސައިޑް ގޭންގަށް” ކަމަށެވެ. ރަންގޯލީ އެހެން ބުނީ ޖޫންމަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށްބުނާ ބޮލީވުޑްގެ ތަރިންތަކެއް އުޅޭތީ، ޝަބާނާއަކީ ވެސް އެ ބައިގެ މީހެއްކަމަށް ސިފަކުރަމުންނެވެ.

އަދި ޝަބާނާ އާއި އޭނާގެ ފިރިމީހާ ޖާވިދު އަކްތަރު އެމީހުން ކުރާ މަސައްކަތްތަކަށް (އެކްޓު ކުރުމާއި ޅެން ހެދުން) ސަމާލުކަން ނުދީ ސިޔާސީ ދާއިރާއަށް ވަދެގެން އުޅެނީ ކީއްވެތޯ ރަންގޯލީ ސުވާލުކޮށްފައިވެއެވެ. ހަމައެހެންމެ، އެ ދެމަފިރިން އިންޑިއާއާ ދެކޮޅަށް އެޖެންޑާ ފަތުރަމުންދާއިރު، ކަންގަނާ އިންޑިއާއަށް ހެޔޮ އެދިގެން ދައްކާ ވާހަކަތަކަށް ވެސް ފުރުސަތު އޮންނަން ވާނެ ކަމަށް ރަންގޯލީ ބުންޏެވެ. “ތި މީހުންނަށް ވަކި ގަވާއިދެއް އޮވެފަ ކަންގަނާއަށް މުޅިން އެހެން ގަވާއިދެއް އޮންނަންވީ ކީއްވެ؟”، ރަންގޯލީ ސުވާލު ކޮށްފައިވެއެވެ.

ރަންގޯލީގެ ރައްދު

ރަންގޯލީ އަކީ އަބަދުވެސް އޭނާގެ ކޮއްކޮ ކަންގަނާގެ ދިފާއުގައި ނުކުންނަ މީހެކެވެ. އަދި މި ދެބެއިންނަކީ އިންޑިއާގައި ހިނގާ އެކިއެކި ކަންކަމަށް ފާޑުކިޔުމުގައި ނަން މަޝްހޫރު ދެބެއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!