ޝަބާނާގެ ވަރުގަދަ ބަހުގެ ހަމަލާއެއް ކަންގަނާއަށް!

ބޮލީވުޑްގެ ދުވަސްވީ ބަތަލާ ޝަބާނާ އާޒްމީ އަލުން އެކްޓިންގ އަށް ނުކުމެފައި ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒުވާން އެކްޓްރެސް ކަންގަނާ ރަނައުތަށް ފާޑުކިޔައިފިއެވެ.

ތާރީޚާ ގުޅުންހުރި ސީރީޒެއްގެ ޝޫޓިންގ ފެށުމާ ބެހޭގޮތުން ‘މުމްބާއީ މިރޯ’ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝަބާނާއާ ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބުނީ ހިންދީ ފިލްމު އިންޑަސްޓްރީއާ ބެހޭގޮތުން ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އޭނާ އެ އިންޑަސްޓްރިއާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި ބޮލީވުޑް ބަދުނާމުކޮށް ވާހަކަ ދައްކާ ގިނަ މީހުން އެކަން ކުރަނީ ޤައުމުގައި ހިނގާ އެހެނިހެން ބޮޑެތި މައްސަލަތަކުގެ އަޑު ކަނޑުވައިލުމަށް ކަމަށް އޭނާ ބުންޏެވެ. “ފިލްމު އިންޑަސްޓްރީއޭ ކިޔައިގެން ދޮގު ތުހުމަތުތަކެއް ކުރިޔަސް ވަރަށް ފަސޭހައިން މީހުންގެ ސަމާލުކަން ލިބޭނެ. އެހެންވެ ބަޔަކު މީހުން އެގޮތަށް އެ ކަން ކުރަނީ”.

70 އަހަރުގެ ބަތަލާ ބުނީ އޭގެ ބަދަލުގައި އިގްތިސާދު ދަށަށް ދިޔުމާއި، ޗައިނާ-އިންޑިއާ ބޯޑަރުގެ މައްސަލައާއި، ގިނަވަމުންދާ ކޮވިޑްގެ ކޭސްތަކާއި، އިންޑިއާގެ ދަނޑުވެރިންނަށް ކުރިމަތިވެފައި އޮތް މައްސަލައިގެ ވާހަކަ ދެއްކުން މާ މުހިންމު ކަމަށެވެ.

އަދި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތަށް އިންސާފު ހޯދައިދިނުމަށް ކަމަށްބުނެ ފެށި “އިހުތިޖާޖު” މިހާރު މުޅިން އެހެން މިސްރާބަކަށް އެނބުރިފައިވާކަން ޝަބާނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ބޮލީވުޑާ ބެހޭގޮތުން ފާޅުގައި ތުހުމަތުތަކެއް ކުރަމުން އަންނަ ބަތަލާ ކަންގަނާ ރަނައުތާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން ޝަބާނާ ބުނީ ކަންގަނާ އުޅެނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައި ކަމަށެވެ. “ކަންގަނާ ހިތުން ފެމިނިޒަމާއި ނެޝަނަލިޒަމަކީ ކޯއްޗެއްކަން ފިލްމު އިންޑަސްޓްރީއަށް ދަސްކޮށްދިން މީހަކީ އޭނަ. އަހަންނަށް ހީވަނީ އަސްލު ކަންގަނާ ބިރުގަންނަނީ ކަންނޭނގެ ނޫސްތަކުގެ ފަލަސުރުޚީ އިން ޖާގަ ނުލިބޭނެ ދުވަހެއް އަތުވެދާނެތީ. އެހެންވެ އިރުއިރުކޮޅާ މީހުންގެ ސަމާލުކަން ލިބޭ ކަހަލަ ވާހަކަތަކެއް ދައްކަމުން އެދަނީ”، ޝަބާނާ ބުންޏެވެ.

ކަންގަނާ އުޅެންވީ އެކްޓިންގެ މަސައްކަތުގައި ކަމަށާއި، އެކަމަށް އޭނާ މާ މޮޅު ކަމަށް ވެސް ޝަބާނާ ބުންޏެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ސުޝާންތުގެ މަރަށްފަހު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ ތަރިންތަކެއް މައްޗަށް ޝައްކުކުރެވިފައި ވާތީ، އެ ދާއިރާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް ކަމެވެ. އޭގެތެރެއިން ކަންގަނާއަކީ ޖެހިލުމެއްނެތި ބޮލީވުޑާ ދެކޮޅަށް އަޑުއުފުލަމުން އަންނަ ތަރިއެކެވެ. އަދި މީގެ ސަބަބުން ބޮލީވުޑް ތެރޭގައި ކަންގަނާއާމެދު ނުރުހޭ މީހުން ގިނައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!