މޮނިޓަރިންގައި އޮތް ރަށަކަސް ސިއްހީ ހިދުމަތް ހޯދަން ރަށަށް އެރޭނެ: އެޗްޕީއޭ

ކޮވިޑް ބަލި ފެތުރުމުގެ ބިރު އޮތުމުން ރަށެއް މޮނިޓަރިންނަށް ލެވުނު ކަމުގައި ވީ ނަމަވެސް، އެރަށަކަށް ސިއްހީ ހިދުމަތް ހޯދަން އެރޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މޮނިޓަރިން ހާލަތަށް ބަދަލުކޮށްފައި ވާ ރަަަށްރަށުގައި ކުރެވޭނެ ކަންކަމުގެ ތެރޭގައި ސިއްހީ ހިދުމަތެއް ހޯދުމަށް ރަށަށް އެރޭނެ ކަމަށާއި އަދި އެހެން ރަށަކަށް ދެވޭނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ރަށަށް ބޭނުންވާ ތަކެތި (ކާބޯތަކެތި، ތެޔޮ، ގޭސް ފަދަ ބާވަތްތައް) ރަށަށް އެރުވޭނެ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ޒަރީރޫ ބޭނުންތަކަށް ގެންދާ ތަކެތީގެ އިތުރުން އެ ބޯޓެއްގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ބޯޓަށް އެރުވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް މޮނިޓަރިންގައި އޮންނަ ވަގުތު އެފަދަ ތަކެތި ގެންނަ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް ރަށަށް ނުފޭބޭނެ ކަމަށާއި ބޯޓުން ތަކެތި އަރުވާ ބޭލުމުގައި ފަޅުވެރިންނާއި ރަށުގެ މީހުން ބައްދަލުނުވާ ގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ރަށެއް މޮނިޓަރިންނަށް ލެވިއްޖެނަމަ އެ ރަށެއްގައި ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށާއި ޒަރޫރީ ބޭނުމަކަށް ނުކުންނަނަމަ މާސްކްއެޅުމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ރަށެއްގެ ސްކޫލުތައް ބަންދުވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ފަދަ ރަށާރަށުގައި ހުންނަ ކެފޭ ރެސްޓޯރަންޓްތަކުގައި ހިދުމަތް ދޭ އިރު އިން-ޑައިނިންގް މެދުކަނޑާލުމަށާއި އަދި ޓޭކް އަވޭ އަދި ޑެލިވަރީ ކުރިއަށް ގެންދިއުމަށް ބާރު އެޅުމަށް އެޗްޕީއޭއިން ބުނެއެވެ. ހަމައެއާއެކު ރަށުގައި މީހުންއެއްވެ އުޅުން މަނާވެ ކުޅިވަރުތައް ހުއްޓާލުމަށް ވެސް އެޗްޕީޢޭއިން ލަފާދެއެވެ. އަދި މަސައްކަތުގެ މާހައުލުގައާއި ފިހާރަތަކުގައި މާސްކް އެޅުމާއެކު 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!