މޮނިޓަރިންގައިވާ ރަށްރަށުގައި އާންމުންނަށް ގެއިން ބޭރަށް ނިކުމެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގައިވާ ރަށްރަށުގައި އާންމުންނަށް ގެއިން ބޭރަށް ނިކުމެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް އެ އެޖެންސީން ބުނެފި އެވެ.

ކޮވިޑް ބަލީގެ މީހަކު ފެނުުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެޗްޕީއޭގެ މޮނިޓަރިންއަށް ބަލި މީހާ ފެނުނު ރަށާއި އެމީހާ ދަތުރުކުރި ރަށްތައް ގެނެއެވެ. މި ވަގުތުވެސް އުތުރުގެ ހަތް ރަށެއް މޮނިޓަރިންގައިވެއެވެ. އެއީ ހއ. ބާރަށާއި އެ އަތޮޅު ދިއްްދޫ އާއި ހޯރަފުށްޓާއި، ހދ އިން ކުޅުދުއްފުށްޓާއި ކުރިނބީ ގެ އިތުރުން ށ އަތޮޅުން ފުނަދޫއެވެ. އެ ރަށްތައް މޮނިޓަރިންއަށް ލީ ކުޅުދުއްފުށިން ފުލުހަކު ޕޮޒިޓިވްވެގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރަށެއް މޮނިޓަރިންގައިވާ ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުމެވޭނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުމަކަށް ނުކުންނަނަމަ މާސްކް އެޅުން މަޖުބޫރުވާނެ އެވެ. އޭގެ އިތުރުން އެ ރަށެއްގައި ހުންނަ ސުކޫލްތައް ބަންދު ކުރާނެ އެވެ.

މީގެ އިތުުރުން ކެފޭ/ރެސްޓޯރަންޓްތަކުން އެތެރޭގެ ހިދުމަތް (އިން-ޑައިނިންގް) މެދުކަނޑާލުމަށްފަހު ޓޭކް އަވޭ އަދި ޑެލިވަރީ ކުރިއަށް ގެންދިއުމަށް ބާރު އަޅާ ކަމަށެވެ. އަދި އެ ރަށެއްގައި ޓީމު ކުޅިވަރުތައް ހުއްޓާލުމާއި މަސައްކަތުގެ މާހައުލުގައާއި ފިހާރަތަކުގައި މާސްކް އެޅުމާއެކު 3 ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!